ކ. މާލެ
|
27 މާރޗް 2024 | ބުދަ 16:51
މޭޖަރ (ރިޓަޔަރޑް) ތަލްހަތު ހަސަންފުޅު
މޭޖަރ (ރިޓަޔަރޑް) ތަލްހަތު ހަސަންފުޅު
މަޖިލީހުގެ ސާޖަންޓް އެޓް އާމްސް
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ތަލްހަތު އައްޔަންކުރަން ފާސްކޮށްފި
ތޮލްހަތު ހަސަން އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުން

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ތަލްހަތު ހަސަންފުޅު އައްޔަންކުރަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމާގުޅޭ މައްސަލައާއި ގުޅިގެން ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ގ. ސާޓަނުގެ، މޭޖަރ (ރިޓަޔަރޑް) ތަލްހަތު ހަސަންފުޅު އައްޔަން ކުރައްވަން ފާސްކޮށްފައެވެ.

ތޮލްހަތު ހަސަން އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލްގެ ރޭންކުގައި ހުންނެވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ތޮލްހަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑަށް ވެސް އައްޔަން ކުރެއްވި ބޭފުޅެކެވެ. މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ތަލްހަތު އައްޔަންކުރައްވާފައިވަނީ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޙަލީމް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އޮގަސްޓް 2022 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މުޙައްމަދު ޙަލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު 2013 ގައެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހު އޭނާ ވަނީ އެމަޤާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.

- ކޮމެންޓް