ސިކުނޑީގެ ސައިންސް ނުވަތަ ނިއުރޯސައިންސްއަކީ ސިކުނޑީގެ އާކިޓެކްޗަރ ނުވަތަ އުފެދިފައިވާ ގޮތްތައް ދިރާސާކޮށް، ކޮންމެ ވަކިވަކި ނިއުރޯނެއް މަސައްކަތްކުރާ ގޮތް ދެނެގަނެ ޗާޓް ކުރުމުގެ ސައެންސްއެވެ. އަދުގެ ދުނިޔޭގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް ދާއިރާއަކީވެސް ސިކުނޑީގެ ސައެންސްގެ ދާއިރާއެވެ. ވަކިން ހާއްސަކޮށް، ސިކުނޑީގެ ސައެންސްއާ ބެހޭ ޓެކްނޮލޮޖީގެ ރޮނގުން މި ފަހުގެ ތާރީޚުގައި އިންގިލާބީ ބޮޑެތި ކުރިއެރުންތަކެއް، އިންސާނީ ޙަޟާރާތުން ވަނީ ހޯދާފައެވެ.
ސިކުނޑީގެ ސައެންސްއާ ބެހޭ ޓެކްނޮލޮޖީ މިއަދު ވަނީ ޗައިނާގެ ބައެއް ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައެވެ. އެގޮތުން އިންސާނަކާ ނުލާ އުދުހުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯން އޮޕަރޭޓް ކުރުމަށާއި، ދޮށީ ޢުމުރުގެ މީހުންނަށް ފަރުވާދޭ މަރުކަޒުތަކުގައި ތިބޭ ބަލި މީހުންގެ ކިބާގައި ޑިމެންޝިއާ ނުވަތަ އަކުސަ އަށް ފައްސިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ސިކުނޑީގެ ސައެންސްއާ ބެހޭ ޓެކްނޮލޮޖީގެ އެހީގައެވެ.
އަހަރުތަކެއް ވަންދެން ތަރައްގީ ކުރުމަށް ފަހު، 2023 ވަނަ އަހަރު، ސައެންސްގެ ރޮނގުން ހޯދި މި އިންގިލާބީ ކުރިއެރުންތަކުގެ ތެރެއިން ބައެއް ކުރިއެރުންތައް، ޗައިނާގެ ދެކުނުގެ ހައިޓެކް ހަބް ނުވަތަ ޝެންޒެންގެ ގުއަންގްމިންގް ސައިންސް ސިޓީގައި ބޭނުން ކުރަން ފެށިއެވެ.
ޗައިނާގައި ސިކުނޑީގެ ސައެންސްގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އެއް ކުންފުންޏަކީ ޝެންޒެން އީއީޖީސްމަރޓް ޓެކްނޮނޮލޮޖީ ކޮމްޕެނީ ލިމިޓަޑްއެވެ. އެ ކުންފުނިން ދަނީ ސިކުނޑިން ކޮންޓްރޯލް ކުރެވޭ ޑްރޯން އުފައްދަމުންނެވެ. ޑްރޯންތައް ފަރުމާކޮށްފައި ވަނީ، ޑްރޯން ޕައިލެޓް ނުވަތަ އޮޕަރޭޓަރުގެ ބޮލުގައި އަޅާ ބޭންޑެއްގެ އެހީގައި ޑްރޯން ހަރަކާތް ކުރެވޭ ގޮތަށެވެ. އެކަން ކުރަނީ ބޭންޑް އަޅައިގެން ހުންނަ މީހާގެ ސިކުނޑީގެ ސިގުނަލްތައް ދަތުރުކުރާ ރާޅުބާނީތައް، ވަގުތުން ވަގުތަށް ދެނެގަންނަ ޕްރޮގްރާމެއްގެ އެހީގައެވެ. އެސްފިޔަ ޖެހުމާއި، ކޮޅުކޮޅަށް ލޯ ހަރަކާތްކުރުމާއި، ދަތްޕިލަ ބާރުކޮށްލުން ކަހަލަ ކުދިކުދި ހަރަކާތްތައްވެސް މެޝިނަށް ނަގައިގަނެއެވެ.
މީހެއްގެ ފޯކަސް ނުވަތަ ސަމާލުކަން ދެވޭ މިންވަރު ވަކި ހިސާބަކަށް ދިޔައިމަ، ޑްރޯން އުދުއްސާލާނެ. ފޯކަސް އިތުރު ކުރާ ވަރަކަށް، ޑްރޯން އުދުހޭލެއްވެސް މަތިވާނެ.ލީ ޝައުޝަން؛ ޝެންޒެން އީއީޖީސްމަރޓް ޓެކްނޮލޮޖީގެ އިސް އޮފިޝަލެއް
ސިކުނޑިން ކޮންޓްރޯލް ކުރެވޭ ޓެކްނޮލޮޖީގެ އެހެން އެޕްލިކޭޝަންތަކުގެ ތެރޭގައި، ރޮބޮޓިކް އަތް ބޭނުންކުރުމުން ފެށިގެން ލެޕްޓޮޕް ބޭނުންކުރުމާ ހަމައަށް އެ ފަންނު ވަނީ ކުރިއަރާފައެވެ.
މީގެ އިތުރުން، ޝެންޒެންގެ ދޮށީ ޢުމުރުގެ މީހުންގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ ޖަމިއްޔާތަކުން ދަނީ އަލްޒައިމާޒް ބައްޔަށް ސްކްރީން ކުރުމަށް ބްރެއިން-މެޝިން ނުވަތަ ސިކުނޑިއާ ގުޅާލާފައިވާ ޑިވައިސްތައް ބޭނުން ކުރަމުންނެވެ. އަލްޒައިމާޒް ނުވަތަ އަލްސައިމަޒު ބައްޔަކީ، ވާހަކަދެއްކުމާއި ހަރަކާތާއި ވިސްނުމުގެ ގާބިލުކަމާއި ހަނދާނުގެ ބާރު މަޑުމަޑުން ނެތިގެންދާ ބައްޔެކެވެ. އާންމުކޮށް މި ބަލި ޖެހެނީ އުމުރުން ދުވަސްވެ ސިކުނޑީގެ ނާރުތަކުގެ ބާރު ދެރަވަމުން ދިއުމާ ގުޅިގެންނެވެ.
މި ޑިވައިސްތައް ބޭނުންކޮށްގެން އުމުރުން ދުވަސްވީ މީހުންގެ ކޮގްނިޓިވް އިމްޕެއާމަންޓްގެ މަޑު ސްކްރީނިންތައް ކުރިއަށް ގެންދަން އެބަ. އެއީ، ބަލީގެ ކުރީކޮޅު ފަރުވާ ފަށައިގަންނަން ލިބޭ ފުރުޞަތެއް. މިކަހަލަ ސިކުނޑީގެ މެޝިން ޑިވައިސްތައް، 20 އަށް ވުރެ ގިނަ މަރުކަޒުތަކުގަ މިހާރުވެސް ދަނީ ބޭނުން ކުރަމުން.ވޮންގް ޗިންގްޔޮންގް؛ ނިއުރޮލޮޖިސްޓެއް
މިފަދަ ގޮތަކަށް ސިކުނޑީގެ ބަލިތަކަށް ސްކްރީން ކުރެވުމަކީ އެމްއާރްއައި އާއި ސީޓީ ސްކޭން ފަދަ ތަހުލީލުތައް ހަދަން ޖެހިލުންވާ މީހުންނަށްވެސް ލިބޭ ލުޔަކަށް ވާނެ ކަން ގައިމެވެ.
ސިކުނޑީގެ ސައެންސްގެ ރޮނގުން ޗައިނާއިން ހަލުވި ދުވެލީގައި ކުރިއެރުންތައް ހޯދަމުން ދާ އިރު، ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ އެންމެ ވަރުގަދަ ވާދަވެރިޔާގެ ގޮތުގައި އޮތް އެމެރިކާއިންވެސް ދަނީ އެ ރޮނގުން ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، މަޝްހޫރު މަހުޖަނު އީލޯން މަސްކު، އެމެރިކާގައި ހިންގާ ނިއުރަލިންކް ކުންފުނިން ދާދި ފަހުން ވަނީ، ހަށިގަނޑުން ވާގިނެތިފައި ވާ މީހުންނަށް ކޮމްޕިއުޓަރ ބޭނުން ކުރެވޭނެ ގޮތް މަގުފަހި ކޮށްދޭ ޗިޕެއް އުފައްދާ، އިންސާނެއްގެ ސިކުނޑީގައި ހަރުކޮށް، އެ ތަޖުރިބާތައް ލައިވްސްޓްރީމް ކޮށްފައެވެ.