ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 04:51
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ކޯކޭ
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ކޯކޭ
ރޮއިޓާރސް
އެތުލެޓިކޯ މެޑްރިޑު
އެތުލެޓިކޯގެ އެއްބަސްވުން ކޯކޭ އައު ކޮށްފި
އައު އެއްބަސްވުމުގެ ދަށުން، ކޯކޭގެ ކުޅުމަށް ބަލައި، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުެ ފުރުސަތު އޮންނަ މާއްދާ ވެސް ވަނީ ހިމަނައިފައި

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ކޯކޭ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އެތުލެޓިކޯ އާއެކު ސޮއި ކޮށްފައިވާ އެއްބަަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ ފަހު ކޮޅު އެތުލެޓިކޯ އިން ވަނީ ކޯކޭގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފަށައިފަ އެވެ.

އެތުލެޓިކޯގެ އެއްބަސްވުން ކޯކޭ އައު ކުރީ އިތުރު އެއް އަހަރު ދުވަހަށެވެ. އެހެންކަމުން، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. އައު އެއްބަސްވުމުގެ ދަށުން، ކޯކޭގެ ކުޅުމަށް ބަލައި، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުެ ފުރުސަތު އޮންނަ މާއްދާ ވެސް ވަނީ ހިމަނައިފަ އެވެ.

އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ކޯކޭ ބުނީ، އޭނާ އަށް ގިނަ ކުލަބުތަކެއްގެ ހުށަހެޅުން އޮތް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ހުށަހެޅުންތަކަކީ ވެސް އަގުހުރި ހުށަހެޅުންތަކެއް ކަމަށް ވެސް ކޯކޭ ބުންޏެވެ. ނަމަވެސް އެއްވެސް އިރެއްގައި އޭނާގެ އަމިއްލަ ކުލަބެއްގެ ގޮތުގައި ސިފަވާ އެތުލެޓިކޯ ދޫކޮށްލަން ނުވިސްނާ ކަމަށް ވެސް ކޯކޭ ވަނީ ބުނެފަ އެވެ.

ކޯކޭ އޭނާގެ ސީނިއާ ކެރިއަރު އެތުލެޓިކޯ އިން ފެށީ، 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ އެ ކުލަބަށް 626 މެޗު ކުޅެދީ 47 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރަު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ދެ ފަހަރު އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި އެއް ފަހަރު ކުޅެފައިވެ އެވެ.

- ކޮމެންޓް