އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑަށް އެމެރިކާގެ ލޮސް އެންޖަލަސް އިން ހުށަހެޅުމެއް ހުށަހަޅައިފި އެވެ.
އުމުރުން 31 އަހަރުގެ ޖިރޫޑް އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް މިލާނާ އެކު ޖިރޫޑް ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރާނެ ކަމަށް ނުބެލެ އެވެ. އޭގެ ބަދަލުގައި އޭނާ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަަލަސް އިން މިހާރު ވަނީ، ޖިރޫޑް ހޯދުމަށް އެދި ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެ ކުލަބުން ޖިރޫޑް އަށް ހުށަހަޅަނީ މިލާންގެ އެއްބަސްވުން ހަމަވުމުން، ހިލޭ އެއްބަސްވުމެއްގެ ދަށުން އެ ކުަލަބަށް ބަދަލުވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލޮސް އެންޖަލަސްގެ އިތުރުން ބައެއް އެހެން ކުލަބުތަކުން ވެސް ޖިރޫޑަށް ހުށަހެޅުން ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޖިރޫޑް ވަކި ގޮތެއް ނުނިންމާ ކަމަށާއި، އޭނާ ބަދަލުވުން ގާތީ ލޮސް އެންޖަލަސް އަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ލޮސް އެންޖަލަސް އަށް ޖިރޫޑް ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅަނީ، ފްރާންސް ޤައުމީ ޓީމުގައި އޭނާ އާއެކު ކުޅުނު، ފްރާންސްގެ ކުރީގެ ކެޕްޓަން ހޫގޯ ލޮރިސް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ލޮރިސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޓޮޓެންހަމް ދޫކޮށް ލޮރިސް ލޮސް އެންޖަލަސް އަށް ބަދަލުވީ މިއަހަރުގެ ކުރީ ކޮޅު އެވެ.
ޖިރޫޑް އަކީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެ ރެކޯޑު އޭނާ ހޯދީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުންނެވެ. 2011 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ޖިރޫޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 130 މެޗު ކުޅެދީ، 56 ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 21-2020 ވަަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.