މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ޝަމާޙު ރަޝީދަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާ ޕީސީބީ އަށް ބޮޑެތި ތުހުމަތުތަކެއް އޭނާ ކުރައްވައިފިއެވެ.
އޭނާ އެފަދަ ތުހުމަތުތަކެއް ކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ޝަމާޙު ރަޝީދު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 18 މާރޗްގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަމާއި ގުޅޭގޮތުން ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޯޕަރޭޓް ގަވަނެންސްއާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅުމާ ގުޅިގެން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށެވެ. ސަމާހު މަގާމުގެ މަސްއޫލިއްުޔަތުތަކުން އެކަހެރިކުރަން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.
އޭނާ ވަނީ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް ޕީސީބީން އޭނާ އާއި މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިފްކޯ އާއި މުއާމަލާތުކުރާ ވިޔަފާރީގެ ބައެއް ކުންފުނިތަކާއި އޭނާ އާއި ގުޅުން އޮތް ކަމަށް ޕީސީބީން ބުނި ނަމަވެސް އޭނާ ވަނީ އެކަން ވެސް ދޮގުކޮށްފައެވެ. އަދި ޕީސީބީ އިން އަމަލުކޮށްފައި ވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށް ވެސް ޝަމާހު ވަނީ ވިދާޅުވެފައެވެ. ޝަމާހު ވަނީ މިފްކޯ އަށް ފެންވަރު ދަށް މީހުން ޖެނެރަލް މެނޭޖަރުންގެ ފެންވަރުގައި އައްޔަންކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ. އަދި ޕީސީބީ އަށް ނުފޫޒު ފޯރުވާފައިވާ ކަަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ސަސްޕެންޑް ކުރިކަން ވެސް އޭނާ އަށް އެނގުމުގެ ކުރިން އެހެންގެ ފަރާތުން އޭނާ އަށް އެނެގުނު ކަމަށާއި އެއީ ވެސް އޭނާ މަޤާމުގައި ހުރުމަށް ނޭދޭ މީހުންނާއި ޕީސީބީ އާއި ގުޅުން އޮތުމުން ހިނގި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕީސީބީން ވަނީ މިހާރުވެސް އެ ބޯޑުން ބަލާ ވަރަށް ގިނަ މައްސަލަ ހުރިކަމަށް ބުނެފައެވެ. ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވީ މިފްކޯގެ ސީއީއޯ ބަދުނާމްކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މަސައްކަތްކުރަނީ މިފްކޯ އާއި މެދު ކުރާ ޚިޔާނާތުގެ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިފްކޯގެ ސީއީއޯ އާއި މެދު ކުރާ އެފަދަ ތުހުމަތުތައް ބަަލަމުންދާ ކަމަށާއި މައްސަލަ ބަލާ، އޭނާގެ ޝާމިލްވުމެއް މިފްކޯގެ ޚިޔާނާތުގައި ނެތް ނަމަ މައްސަލަ ބަލާ ނިމުނުހާ އަވަހަކަށް މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލަން ވާހަކަދެވިފައިވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލް ވަނީ އެ މައްސަލައިގެ ބާވަތުން އެ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މިފްކޯގެ ސީއީއޯ އާއި މެދު ތަހުގީގެއް ހިންގާތީ އޭނާގެ ހާޒިރުގައި އެ މައްސަލައިގެ ވާހަކަދައްކަން އުޒުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީން ނިންމީ އެކަން އެގޮތަށް ނުކުރުމަށެވެ.