ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 13:08
އަލުން ގުޅުމަށް މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ
އަލުން ގުޅުމަށް މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ
އަލްޖަޒީރާ
ޕެރިސް އެގްރީމެންޓު
ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވިވިކަން ރަސްމީކޮށް އދ. އަށް އަންގައިފި
އެއްބަސްވުމާ ގުޅުމަށް މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައިވާކަމަށް އެމެރިކާއިންވަނީ ބުނެފަ
މިއީ ބަދަލުނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ޖީ 20 ގައި ހިމެނޭ 19 ގައުމަކުން ވަނީ ނިންމާފައި

ޕެރިސް ކްލައިމެޓް އެއްބަސްވުމުން އެމެރިކާ ވަކިވިވިކަން ރަސްމީކޮށް އދ. އަށް އަންގައިފިއެވެ.

ހުކުރު ދުވަހު އެމެރިކާއިން އާއްމުކުރި ލިޔުމުގައިވާ ގޮތުން އެ އެއްބަސްވުމުގައިވާ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފި ނަމަ އަލުން އެ އެއްބަސްވުމާ ގުޅުމަށް މަޝްވަރާކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ.

އެއްބަސްވުމުން ނުކުތުމަށް ތިން އަހަރުވަރު ހޭދަވާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ އެގައުމު އެއްބަސްވުމުން ވަކިވުމުމުގެ މަރުހަލާގައި ވެސް މޫސުމާ ބެހޭ ގޮތުން އދ. އިން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށެވެ.

ތިމާވެށީގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތަކީ ކާބަން ބޭރުކުރާ މިންވަރު ދަށްކުރާއިރު ހަމައެއާ އެކު އިގްތިސާދީ ދުވެއްޔާ ހަކަތައިގެ ދާއިރާ ކަށަވަރުކުރުމެވެ.

ޕެރިސް އެއްބަސްވުމުން އެމެރިކާ ނުކުންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވަފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ޕެރިސް އެއްބަސްވުމަކީ އެމެރިކާއަށް އެތައް ޓްރިލިއަން ޑޮލަރެއް ގެއްލިގެންދާ އަދި ވަޒީފާތައް ގެއްލި، ތެލާއި ގޭސް އަދި ބޯޓްދެލި އުފައްދާ އިންޑަސްޓްރީ މަޑުޖެހިގެންދާނެ ކަމެއް ކަމަށެވެ.

މިދިޔަމަހު ޕެރިހަށް ކުރެއްވި ދަތުރުފުޅުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ ޕެރިސް އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެ ބައްދަލުވުމަށް ފަހު ރިޕޯޓަރުންނަށް ޓްރަމްޕް ވިދާޅުވީ "ޕެރިސް އެއްބަސްވުމަށް އިހުތިރާމްކުރުމުގެ ގޮތުން ކޮންމެވެސް ކަމެއް ހިނގާނެ ކަމަށާއި އެކަން ބަލަން ތިބެމާ ހިނގާށޭ" އެވެ.

ޖުލައިމަހުގެ ކުރީކޮޅު ޖަރުމަނުގައި ބޭއްވި، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ނުވަތަ ޖީ 20 ގައި ހިމެނޭ ގައުމުތަކުގެ ބައްދަލުވުމުގައި 19 ގައުމަކުން ވަނީ ޕެރިސް އެއްބަސްވުން ތަންފީޒުކުރާނެ ކަމުގެ ވައުދު އާ ކޮށްފައެވެ.

ޖީ 20 ގައި ދެން ހިމެނޭ 19 ގައުމުން ވަނީ އެ އެއްބަސްވުމަކީ "ބަދަލުނުކުރެވޭނެ" އެއްބަސް ވުމެއް ކަމަށް ނިންމާފައެވެ.

ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ބެހެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމެއްވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް