މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ އޭނާ އަށް ދޮގު ހަދައި އޮޅުވާލި ކޯޗެއް ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޔާއޯ ކަންސެލޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ބާސެލޯނާގެ ލޯނު އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުން އެނބުރި މެންޗެސްޓާ ސިޓީ އަށް ދާންޖެހޭނެތީވެ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ޕޯޗުގަލްގެ ޑިފެންޑަރު ބުނީ އޭނާ އަކީ ހުސްވި ސީޒަން ނޫން ކުރީ ދެ ސީޒަނުގައި މެންޗެސްޓާގައި ބަރާބަރަށް ކުޅެމުން އައި ޑިފެންޑަރެއް ކަމަށާއި ނަމަވެސް ކުއްލިއަކަށް ޓީމުން ފުރުސަތުނުދޭން ފެށީ ގާޑިއޯލާ ކަމަށެވެ. އެއީ ކީއްވެތޯ އެހުމުން ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ކޯޗުގެ ޖަވާބަކަށްވީ ޓީމު މިހާރު އައު ސްޓައިލަކަށް ކުޅެން ފެށުން ކަމަށާއި ނަމަވެސް އެއީ ގާޑިއޯލާ ހެދި ބޮޑު ދޮގެއް ކަމަށެވެ. ކަންސެލޯ ބުނީ ޓީމުގެ އެހެން ޑިފެންޑަރުންނާ މެދު އޭނާ އަކީ ރަނގަޅަށް ކަންތައްތައް ކުރި ކުޅުންތެރިއެއް ކަމަށާއި މިހެންވެ އޭނާ ޓީމުގައި ބަހައްޓަން ކޯޗަކު ފަސްޖެހެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
ކަންސެލޯ ޓީމަށް ނާރާތީވެ އޭނާ ފުރަތަމަ ދޫކޮށްލީ ޖަރުމަނުގެ ބަޔާން މިއުނިކަށް ލޯނު އުސޫލުންނެވެ. އެއީ ހުސްވި އަހަރުގެ ސީޒަނުގެ ފަހުކޮޅު އެވެ. އޭނާ ބާސެލޯނާ އަށް ދޫކޮށްލީ މި ސީޒަން ފެށުމުގެ ކުރިންނެވެ. މިހެންވެ ސިޓީން މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ހޯދި ޓީމުގައި އޭނާ ނުހިމެނެ އެވެ.