ޗައިނާގެ ދިރާސާކުރާ އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައި އޮތް ގޮތަށް ބެލުމަށްފަހު ކަމަށާއި، އެއްވެސް ދިރާސާއެއް ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ޗައިނާގެ އުޅަނދާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. މެންބަރު ލަބީބު ވިދާޅުވީ ޗައިނާގެ ދިރާސާކުރާ އުޅަނދެއް ކަމަށް ބުނާ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެ، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެ ސަރަހައްދުގައި އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިސަރަހައްދުގައި މިއުޅަނދު ހަރަކާތްތެރިވާއިރު، މިއުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިވަނީ ކޮންކަމަކަށް ބެލުމަށްފަހުތޯ އަދި އެ އުޅަނދު ކުރާ ދިރާސާއަކީ ކޮބައިތޯ މެންބަރު ލަބީބު ސުވާލު އުފެއްދެވިއެވެ.
މި ސުވާލުތަކަށް ޖާވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މި އުޅަނދު 2022 ވަނަ އަހަރު ވެސް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއްވެސް ދިރާސާއެއް ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށާއި، ދީފައިވާ ހުއްދައަކީ އެ އުޅަނދުން ކްރޫއިން ބަދަލުކޮށް، ކާބޯތަކެތި އެރުވުމުގެ ހުއްދަ ކަމަށެވެ.
މި ރިސާޗް ވެސަލްސްއާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބެލި ކަމަކީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައި އޮތް ގޮތް. 2022 ވަނަ އަހަރު ވެސް ހަމަ ތި ވިދާޅުވީ އުޅަނދު ދިވެހިރާއްޖޭގެ ސަރަހައްދަށް އައިސް ހުރަސްކޮށް އެބުނި ގޮތަކަށް ގޮސްފައި އޮތް. އެހެންވީމަ އާއްމު ގޮތެއްގައި ދިވެހި ދައުލަތުން ހުއްދަ ދޭ ބޯޓެއް ކަމަށްވާތީ އަޅުގަނޑުމެން މިފަހަރު ވެސް ހުއްދަ ދީފައި އޮތީ. އެއްވެސް ރިސާޗެއް ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކުރުމުގެ ހުއްދަ ދެވިފައި ނޯންނާނެ. މާލެއަށް ބަނދަރުކޮށްފައި ކާބޯތަކެތި ގަނެގެން ކްރޫ ޗޭންޖެއް. މަތިން ދާބޯޓުން އައިބަޔަކު އެބޯޓަށް އަރާފައި އެބޯޓުގައި ތިބި މީހުން މަތިންދާބޯޓުގެ ޒަރިއްޔާއިން ފުރާގެން ދިޔައީ. އެއީ ދެވުނު ހުއްދައަކީޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން
މިއުޅަނދާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.
މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.
މި ބޯޓާ ގުޅިގެން އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބައިނަލްއަގުވާމީ ނޫސްތަކުންނެވެ.