ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކޮށްފިއެވެ.
ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން އޮތީ ހުކުރު ދުވަހު ވެރިރަށް ކަރާކަސް ގައެވެ. ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލީހުގައި ރައީސް ނިކޮލަސް މަޑޫރޯގެ އަނބިކަނބަލުންނާއި އަދި ފިރިހެން ދަރިފުޅު ވެސް ހިމެނެއެވެ. ގާނޫނު ހަދާ މަޖިލީހުގައި 545 މެމްބަރުން ހިމެނެއެވެ.
ވެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން ހުއްޓުވުމަށް އެދި އެގައުމުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހުކުރު ދުވަހު ބޭއްވި ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ބުނެއެވެ. ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު ދަނީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރަމުންނެވެ. ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިޚާބުގައި މަކަރުު ހެދި ކަމަށް ކުރެވޭ ތުހުމަތު ދޮގުކުރައްވާފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ އާ ރައީސް ކަމަށް ނޮމިނޭޓްކުރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އެވެ. އެ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރު އޮންނާނެއެވެ. ރޮޑްރިގޭޒް ވިދާޅުވެފައި ވަނީ ރައީސް މަޑޫރޯއާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބުގެ ކުރިންނާއި އަދި އިންތިޚާބަށް ފަހު ވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޅާބަށް ދަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވެފައެވެ. ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބާ ބޭހޭ ގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އެ އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ. ވެނެޒުއޭލާ އިން އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށް ވެސް އިންޒާރުދީފައެވެ. ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ސެމިއުއެލް މޮންކަޑާ މިކަމާ ބެހޭ ގޮތުން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގެއް ކަމަށެވެ.
ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2,000 އާ ގާތްކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ.