ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 12:55
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން
ރޮއިޓަރސް
އުތުރު ކޮރެއާ މައްސަލަ
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި
މިހާރު ތިބި އެމެރިކާގެ ރައްޔިތުން އެ ތާއރީޚްގެ ކުރިން އެ ގައުމު ދޫކޮށްދިއުމަށް ވަނީ އަންގާފަ

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފިއެވެ.

އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުކުރު ދުވަހު ވަނީ  އެއްގައުމު އަނެއްގައުމުގެ ރައްޔިތުންނާ ބައްދަލުކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޑެމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާގެ ރައްޔިތުންގެ ހަގީގީ މަންޒަރު އެމެރިކާގެ ރައްޔިތުންނަށް ފެނުމަށް ހުރަސްއެޅުން ކަމަށް ވެސް ބުނެފައިވާ ކަމަށް ކޮރެއާގެ ދައުލަތުން ހިންގާ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީއިން ބުނެފައި ވެއެވެ.

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަކީ އުތުރު ކޮރެއާއަކީ ދުޝްމަނެއް ކަމަށް އެމެރިކާއިން ދެކޭ ކަމުގެ ހެއްކެއް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޖުލައިމަހުގެ 21 ވަނަ ދުވަހު ވަނީ އެ ގައުމުގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. އެގައުމުން ބުނެފައިވަނީ އެގޮތަށް ނިންމީ އުތުރުކޮރެއާގެ ގާނޫނު ތަންފީޒުކުރުމުގެ ނިޒާމުގެ ތެރެއިން ހައްޔަރުކޮށް ދިގުމުއްދަތަކަށް ބަންދުކޮށްފާނެކަމުގެ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ.

އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރީ އުތުރު ކޮރެއާއިން ހައްޔަރުކޮށްގެން ގެންގުޅުނު އެމެރިކާގެ ޔުނިވާސިޓީ އޮފް ވާރޖީނިއާގެ ދަރިވަރު، އުމުރުން 22 އަހަރުގެ އޮޓޯ ވާމްބިއާ، ކޯމާއެއްގައި އޮވެ ޖޫންމަހުގެ ތެރޭ މަރުވި ހާދިސާއަށްފަހުއެވެ.

އުތުރު ކޮރެއާގައި 17 މަސްދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު އޭނާ މިނިވަން ކުރީ ވެސް ޖޫން މަހުއެވެ. ވާމްބިއާ ހައްޔަރުކުރީ ޓޫރިސްޓް ވިސާގައި އުތުރުކޮރެއާއަށް ދިޔަ ދިއުމެއްގައި، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގ އުންގެ ޕްރޮޕެގެންޑާ ފެތުރުމަށް ދަމާފައި ހުރި ބެނާއެއް ވަގަށްނެގި މައްސަލާގައެވެ.

މި ދައުވާއަށް އޭނާ އިއުތިރާފް ވުމާއެކު އޭނާގެ މައްޗަށް ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވާމްބިއާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނާ ކޯމާއަކަށް ގޮސްފައިވަނީ ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ހަފްތާގައި ބުނެފައި ވަނީ އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަންފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުންފެށިގެންކަމަށެވެ. އަދި އުތުރު ކޮރެއާގައި މިހާރު ތިބި އެމެރިކާގެ ރައްޔިތުން އެ ތާއރީޚްގެ ކުރިން އެ ގައުމު ދޫކޮށްދިއުމަށް ވަނީ އަންގާފައެވެ.

އުތުރު ކޮރެއާއިން ބުނެފައި ވަނީ އެ ގައުމުގެ ދޮރުތައް އަބަދުވެސް ހުންނާނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް އެގައުމުގެ ހަގީގަތް ދެކިލަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް