ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ދެ ވަނަ ފަހަރަށް ފީފާއިން ހުއްޓުވައިފި އެވެ.
އެފްއޭއެމުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ބުރާސްފަތި ދުވަހުގެ ރޭ މީޑިޔާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ފީފާ އަށް އެފްއޭއެމުގެ އިންތިހާބާ ބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީގެ އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގާފައިވާ ކަމަށެވެ.
"ފީފާ އަށް ވަނީ އިންތިހާބާ ބެހޭ ގިނަ ޝަކުވާތަކެއް ލިބިފައި. އެކަންކަން ސާފުކޮށްދިނުމަށް މަޝްވަރާތައް ދަނީ ކުރިއަށް. މިކަން ކުރިއަށްދާތީވެ މި ވަގުތަށް ފީފާ އާއި އޭއެފްސީގެ އެދުމުގެ މަތިން އިންތިހާބުގެ ކަންކަން ވަނީ މަޑުޖައްސާފައި،" ޖައުޝަންގެ މެސެޖުގައި ބުނެފައިވެ އެވެ.
އޭނާ އަދި ބުނެފައިވަނީ ކަންކަން ސާފުކޮށްދިނުމަށް ކުރާ މަޝްވަރާތަކުގައި ފީފާ އާއި އޭއެފްސީ އަށް އެފްއޭއެމުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެފްއޭއެމުގެ މެމްބަރު ކުލަބުތަކާއި އާއްމުންނަށް އަރުވާ ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބު ދެ ވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.
އެފްއޭއެމުގެ އިންތިހާބުގެ މިފަހަރު އިއުލާނުކުރުމުގެ ކުރިން އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަނުގެ ވެލެންސިއާ ސަސްޕެންޑްކޮށްފަ އެވެ. މިކަމާ ގުޅިގެން އެކުލަބުން ބުނެފައިވަނީ މިއީ އެފްއޭއެމަށް ލިބިފައިނުވާ ބާރެއްގެ ބޭނުންކޮށް ދީފައިވާ ސަސްޕެންޝަނެއް ކަމަށެވެ. ސަބަބަކީ އެކުލަބުން ޓޮމް އަށް ތާއީދު ކުރުމެވެ. ވެލެންސިއާއިން ބައްސާމަށް ތާއީދު ކުރިނަމަ ޓޮމް އަށް ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ނުހޯދި ކުރިމަތިނުލެވޭނެ އެވެ. އިންތިހާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކު ވެސް ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ހޯދަންޖެހެ އެވެ. ޓޮމް އަށް ތާއީދު ކުރަނީ ވެލެންސިއާ އާއި މާޒިޔާ އަދި ޓީސީ އެވެ. ބައްސާމަށް ތާއީދު ކުރަނީ އީގަލްސް އާއި ގްރީން ސްޓްރީސް އާއި ބުރު ސްޕޯޓްސް އާއި ސަސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އެކަމަކު ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ކުލަބުތައް އެއްކޮށް ބަލާއިރު ޓޮމް އަށް 12 ކުލަބަކުން ތާއީދު ކުރެ އެވެ.
ފީފާ އަށް ޝަކުވާ ހުޅަހަޅާފައިވާ އަނެއް މައްސަލައަކީ ވެސް މިއީ އެވެ. އެއީ މދިޔަ މަހު އެފްއޭއެމުގެ ކޮމިޓީތައް އެކުލަވާލަން ބޭއްވި ކޮންގްރެސްގައި ޓޮމް އަށް ތާއީދުކުރާ ކުލަބުތަކަށް ފުރުސަތުނުދީ ކޮންގްރެސް ބާއްވާފައިވުމެވެ.
މިދިޔަ ޖެނުއަރީ މަހު ބާއްވަން އުޅުނު އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލީ ޓޮމް އާއި ބައްސާމްގެ ފަރާތުން އޭނާގެ އެކްސްކޯ މެމްބަރު އީގަލްސްގެ މުފާވިޒް ހާޝިމެވެ. އެ އިންތިހާބު ފީފާއިން ކެންސަލްކުރީ އެފްއޭއެމުން ގަވާއިދާ ހިލާފުވިކަން ފަޅާ އެރުމުންނެވެ. އެއީ އިލެކްޓޯރަލް އަދި އެޕީލް ކޮމިޓީ ނެތްކަން މާފަހުން އެނގުމުންނެވެ.