ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތް ކުރުމަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މަޖިލީހުގައި އަންގާރަ ދުވަހު މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ދިރާސީ އައު އަހަރު ވަކި ގޮތަކަށް އަތުރާ ތާވަލްކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގާ މުޅި ނިޒާމް އެގޮތަށް ތަރުތީބުކޮށް ތަންޒީމްވެފައިވާ ކަމަށާއި އިމްތިހާންތައް ވެސް އެގޮތަށް އެކުލަވާލާފައިވާ ކަމަށެވެ. އެކަން އެހެން އޮއްވާ ކުއްލިއަކަށް ކުރުގަޅުވާލާފައި، މަދު ހަފްތާކޮޅެއްގެ ތެރޭގައި އެތައް ހާސް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އައިސްދާނެ ނޭދެވޭ ބަދަލަކަށް ބެލުމެއް ނެތި ކުއްލި ކުއްލިއަށް ދިރާސީ ކަލަންޑަރާއި ކުޅުއްވަނީ ކީއްވެގެންތޯ ހަސަން ލަތީފް ވަނީ ސުވާލުކުރައްވާފައެވެ.
ދިރާސީ އަހަރު ބަދަލުކުރީ ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގައި ހަދާފައި ހުރި ދިރާސާތަކަށް ބަލާއިރު ޓީޗަރުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ވެސް ބޭނުން ވަނީ ކުރިން އޮތް ގޮތަށް ދިރާސީ އަހަރު އަހަރުގެ ކުރީކޮޅު ފަށަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ނިޒާމާއި ދިރާސީ އައު އަހަރާއި ނުގުޅުމުން ވެސް ދަތިތަކެއް ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިރާސީ އަހަރު އަހަރުގެ މެދުތެރެއިން ފެށުމުން ދަރިވަރުންނަށް ގެއްލުންވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތަކަށް ފަހު ދިރާސީ އަހަރަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.
ގިނަ ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ވަނީ ދިރާސީ އަހަރު ކުރިން އޮތް ގޮތަށް އިއާދަކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިސަރުކާރުން ދިރާސީ އައު އަހަރު ބަދަލުކުރުމުން ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެއެވެެ. ދިރާސީ އައު އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.