ކ. މާލެ
|
19 މާރޗް 2024 | އަންގާރަ 05:39
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ކެޕްޓަން މެސީ
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ކެޕްޓަން މެސީ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
އަނިޔާގެ ސަބަބުން އާޖެންޓީނާގެ މެޗުތައް މެސީ އަށް ގެއްލިއްޖެ!
 
މެސީ އަށް އަނިޔާވެފައި ވަނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިންޓަ މިއާމީން، ނަޝްވީލާ ދެކޮޅަށް ކުޅުނު މެޗުގައި

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.

އާޖެންޓީނާ އިން މިވަގުތު ތައްޔާރުވަމުން އަންނަނީ މި މަހުގެ 23 ވަނަ ދުވަހު އެލް ސަލްވާޑޯއާ ދެކޮޅަށް ކުޅޭ މެޗާއި، މި މަހުގެ 27 ވަނަ ދުވަހު ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުތަކަށެވެ. އެއީ މިއަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ތައްޔާރުުވުމުގެ ގޮތުން އާޖެންޓީނާ އިން ކުޅޭ ދެ މެޗެވެ. އެ ދެ މެޗުގައި ވެސް މެސީ އަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

އާޖެންޓީނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، މެސީ އަށް އެ ދެ މެޗުގައި ނުކުޅެވެނީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. މެސީ އަށް އަނިޔާވެފައި ވަނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިންޓަ މިއާމީން، ނަޝްވީލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފަހުން، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި އިންޓަ މިއާމީން ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި އަނިޔާގެ ސަބަބުން މެސީ އަށް ކުރިއަށް އޮތް ދެ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.

މި ދެ މެޗަށްފަހު، ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުރިން އާޖެންޓީނާ އިން ރަޙުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. އެއީ ޖޫން މަހުގެ 14 ވަނަ ދުވަހު ގުއާޓްމަލާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ދިހަ ދުވަސް ފަހުން، ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ކުޅެން ޖެހޭނެ އެވެ. އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، އެ ޓީމުގެ އަމާޒަކީ މިއަހަރު އެ ތަށި ދިފާއު ކުރުމެވެ.

މެސީ ވަނީ މިހާތަނަށް އާޖެންޓީނާގެ ސީނިއާ ޤައުމީ ޓީމަށް ކުޅެދިން 180 މެޗުން 106 ލަނޑު ޖަހައިފަ އެވެ. ސީނިއާ ޤައުމީ ޓީމާއެކު އޭނާ ވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ އިތުރުން ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް