ކ. މާލެ
|
18 މާރޗް 2024 | ހޯމަ 14:22
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވާހަކަދައްކަވަނީ
މަޖިލިސް
ކުވައިތު ފަންޑު ދިނުން ހުއްޓާލުން
ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު
އެހެން ގޮތަކަށް މަޝްރޫއުގެ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ފައިސާ އަނބުރާ ގެންދިޔައީ އެ ފަންޑުގެ އުސޫލާ ހިލާފަށް ކުރިއަށް ގެންދަން އުޅުުމުން

ށ. މިލަންދޫ ގައި 30 އެނދުގެ ހޮސްޕިޓަލާއި އެހެން ބައެއް ހޮސްޕިޓަލްތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓާލައިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ މިލަންދޫގައި އެޅުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތަކީ ކުވައިތް ފަންޑުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެފަންޑު ދިނުން ހުއްޓާލުމުގެ ސަބަބުން މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ގޮތަކަށް މަޝްރޫއުގެ ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. ބަޖެޓުގައި މިމަޝްރޫއު ހިމަނާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ އެޑްވާންސް ޕޭމަންޓް ދެވޭވަރަށް ވެސް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށާއި، ބަޖެޓުގެ އެލޮކޭޝަންތައް ހަދަންޖެހޭ ކަމަށެވެ. ބައެއް އެޖަސްޓްމަންޓްތައް ގެނެސް، ބަޖެޓްގެ ތެރެއިން ޖާގަ ލިބިއްޖެނަމަ މިމަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މިލަންދޫގައި އެޅުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ ވެސް ކުވައިތް ފަންޑުގެ ތެރެއިން އެ ފަންޑުން ހަމަޖެހިގެން ކުރިއަށްދާން އޮތް ހޮސްޕިޓަލެއް ނަމަވެސް އެ ފަންޑު އަނބުރާ ގެންދިއުމުގެ ސަބަބުން ނޫނީ ހުއްޓާލުމުގެ ސަބަބުން ހަމަ ކުރިއަށް ނުގެންދެވި އޮތް ވާހަކަ ދަންނަވަން. ތި ވިދާޅުވިހެން ބަޖެޓުގައި އެބައޮތް. ބަޖެޓަށް ބަދަލުކުރެވިފައި ވަނީ މިދިޔަ އަހަރުގެ ވަރަށް ފަހުކޮޅުގައި ކަމަށްވާތީ ކުރިއަށް ނުގެންދެވި އެއޮތީ. އަޅުގަނޑުމެން އެެހެން ސޯސްއަކުން ވެސް ނޫނިއްޔާ އެ ފަންޑިންގ އަނބުރާ ހޯދައިގެން ނަމަވެސް ކުރިއަށް ގެންދެވޭތޯ މަސައްކަތްތައް ކުރިއަށް އެބަ ގެންދަން.
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ވެލިދޫގައި އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރީ ކުވައިތު ފަންޑް ގެ އެޕްރޫވަލްއާ އެއްކޮށް ކަމަށެވެ. އެހެންކަމުން ކުވައިތު ފަންޑުގެ އެހީ ހުއްޓުމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ދެއްވަން މެންބަރު ޝަފީގު އެދިވަޑައިގަތުމުން މިނިސްޓަރު ހަލީލު ވިދާޅުވީ އެ މައުލޫމާތު ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ކުވައިތު ފަންޑުގެ ފައިސާ އަނބުރާ ގެންދިޔަ ސަބަބާ ބެހޭ ގޮތުން ގިނަ މެންބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައި ސުވާލު އުފައްދަވާފައެވެ. އަދި އިންޓަނޭޝަނަލް ފަންޑުން ދޭން ނިންމި ފައިސާ އަނބުރާ ގެންދިޔައީ އުސޫލާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދަން އުޅުުމުން ކަމަށް ވެސް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓާލައިފައިވާ މިނިސްޓަރު ހަލީލު ވިދާޅުވެފައިވާއިރު، ހދ.ހަނިމާދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހަނިމާދޫއާއި އަދި އިތުރު ދެރަށެއްގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫއު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާމަ ކުރެއްވުމާއެކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ރައީސް މުއިއްޒުއާއި ހަވާލާ ދެއްވައި ލިޔެފައިވާ ޚަބަރުން ވަނީ އެ ބައި އުނިކޮށްފައެވެ.   

އަމީރު ވިދާޅުވީ، ރައީސް އެ ވިދާޅުވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. އަދި މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް އަދި ފަންޑެއްވެސް އަނބުރާ ގެންގޮސްފައި ނުވާކަން ފާހަގަ ކުރައްވައި އަމީރު ވަނީ ރައީސަށް ރަނގަޅު މައުލޫމާތު ދޭނެ، ކަމަށް އެކަށީގެންވާ ޤާބިލް މީހުން އައްޔަނުކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް