ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 04:59
މެޗުގައި ލަނޑު ޖެހުމަށްފަހު ހެރީ ކޭން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ހެރީ ކޭން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ކޭން ރެކޯޑު ހެދި މެޗުގައި ބަޔާނަށް ފަސް ލަނޑުގެ މޮޅެއް
 
ކޭން ވެފައި ވަނީ، ޖަރުމަނަށް ލީގަށް ބަދަލުވި ސީޒަންގައި 31 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް

ޖަރުމަނު ލީގުގައި ޑާމްސްޑަޓްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑާމްސްޑަޓްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ފެނުނުއިރު، އަނެއް ހަތަރު ލަނޑު ފެނުނީ ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ފުރަތަަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޑާމްސްޑަޓް އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓިމް ސްކާކް އެވެ. އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖަމާލް މުސިއާލާ އެވެ. އެއީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޭން ވަނީ ލަނޑު ޖަހައި، ބަޔާނަށް ލީޑު ނަގައިދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޔޯޝުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފުގައި ބަޔާންގެ ތިން ވަަނަ ލަނޑު ޖެހީ މުސިއާލާ އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ސާޖް ގްނަބްރީ އެވެ. ބަޔާންގެ ފަސް ވަނަ ލަނޑު، މަތީސް ޓެލް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ބަޔާނުން ފަސް ލަނޑު ޖެހި ފަހުން، ޑާމްސްޑަޓްގެ ދެ ވަނަ ލަނޑު ޖެހީ އޮސްކާ ވިހެލްސަން އެވެ.

މެޗުގައި ޖެހި ލަނޑާއެކު ކޭން ވެފައި ވަނީ، ޖަރުމަނަށް ލީގަށް ބަދަލުވި ސީޒަންގައި 31 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޓޮޓެންހަމް ދޫކޮށްލުމަށްފަހު ބަޔާނަށް ބަދަލުވެ ކޭން އަންނަނީ މޮޅަށް ކުޅެމުންނެވެ. މިހާތަނަށް ކޭން ވަނީ ބަޔާނަށް ޖުމުލަ 35 މެޗު ކުޅެދީ 37 ؛ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު ބަޔާން ދެ ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ، ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަަނައިގައި ބަޔާ ލެވަކޫސަަނަށް ލިބެނީ 67 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް