މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ވެމްކޯއިން ޚާއްސަ ރެސްޕޯންސް ޓީމެއް އެކުލަވާލާ ކުރި މަސައްކަތުގެ ދަށުން ހޮނިހިރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން 15.75 ޓަނުގެ ކުނި ނަގާފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ ހޮނިހިރު ދުވަހު 4 ވެހިކަލަކުން 21 ދަތުރު ކޮށްފައިވާކަމަށެވެ. އަދި 13 ސަރަހައްދަކުން ކުނި ނަގާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. މީގެއިތުރުން ވެމްކޯއިން ވަނީ ހުކުރު ދުވަހު މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގާފައެވެ.
ވެމްކޯ އިތުރުން މާލެ ސިޓީ ކައުންސިލުންވެސް އަންނަނީ މާލޭގެ މަގުތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން 19 ދުވަސްތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ނަގާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
ރޯދަމަހާ ދިމާކޮށް ގޭބިސީތަކުން ވަނީ ހިފައިގެންގުޅޭ ގިނަ ސާމާނުތަކެއް މަގުމައްޗަށް ކުނީގެ ގޮތުގައި ނެރިފައެވެ. މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.