ކ. މާލެ
|
15 މާރޗް 2024 | ހުކުރު 19:20
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެނަކާގެ ގަމު ބްރާންޗުގެ އައު އޮފީސް ހުޅުއްވައިދެއްވަނީ- ފައިލް ފޮޓޯ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެނަކާގެ ގަމު ބްރާންޗުގެ އައު އޮފީސް ހުޅުއްވައިދެއްވަނީ- ފައިލް ފޮޓޯ
ފެނަކަ
ފެނަކައިން މުވައްޒަފުން ކަނޑާލުން
ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
ވަކިކުރި މުވައްޒަފުންގެ ތެރޭގައި 8 ޓެކްނީޝަނުން، 4 ސުޕަވައިޒަރުން، 3 ލޭބަރުން އަދި 2 އޮފިސަރުން ހިމެނޭ

ލ.ގަމު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ގަމުގެ ފެނަކައިގެ މަސައްކަތް ކުރާ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ 14 މާރިޗް 2024 ގައެވެ. އޭގެ ތެރޭގައި 8 ޓެކްނީޝަނުން، 4 ސުޕަވައިޒަރުން، 3 ލޭބަރުން އަދި 2 އޮފިސަރުން ހިމެނެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވަޒީފާއިން މުވައްޒަފުން ވަކިކުރާ މައްސަލައާ ގުޅިގެން މީގެ ކުރިން ފެނަކައިން ބުނެފައިވަނީ ވަޒީފާއިން މުވައްޒަފުން ވަކިނުކުރާ ކަމަށާއި، ކޮންޓްރެކްޓް އައު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަނުވާ މުވައްޒަފުން ވެސް ވަކިކޮށްފައިވާކަން، ރާއްޖެ އެމްވީއަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ. މީގެ އިތުރުން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން މިހާތަނަށް މަސައްކަތްކުރަމުން އައީ ކޮންޓްރެކްޓް އާކުރާ ގޮތަށް، ތަފާތު އެކި ޕްރޮޖެކްޓްތަކުގައި ކަމަށް އެ މުވައްޒަފުން ބުނެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ވައުދުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ މާ ގިނަ ދުވަހެއް ނުވަނީސް އެކި ރަށްރަށުގެ ފެނަކަ، ސްޓެލްކޯ އަދިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. ސަރުކާރަށް ތާއީދުކުރާ އާއިލާތަކުގެ މީހުންނަށް ވަޒީފާ ހަމަޖައްސައިދެމުންދާ ކަމަށް އެރަށްރަށުގެ ރައްޔިތުން ތުހުމަތުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް