ކ. މާލެ
|
13 މާރޗް 2024 | ބުދަ 16:50
މާލޭގައި ގާއިމު ކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން
މާލޭގައި ގާއިމު ކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން
ރާއްޖެއެމްވީ
ގޭޓް ފީ އާ ނުލާ ކުނި އުކުން
ގޭޓް ފީ އާ ނުލާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ކުނި އުކޭނީ މިރޭ 12 ޖެހުމާ ހަމައަށް
ވެމްކޯއިން ބުނީ ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެކަމަށް

ގްރޭޓަރ މާލެ ސަރަހައްދުގައި ގޭޓް ފީއަކާއި ނުލާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ކުނި އުކޭނީ މިރޭގެ 23:59 ވަންދެންނެވެ.

ރަމަޟާން މަހާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާތީ އެކުނިތައް އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ވެމްކޯގެ މެނޭޖްމަންޓުން މަރޗް 10ގެ އިރުއޮއްސި 6ން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެ ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިގޮތުން ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މަރޗް 10ގެ އިރުއޮއްސި 6ން ފެށިގެން މަރޗް 13 ވަނަ ދުވަހުގެ ރޭގަނޑު 23:59ގެ ނިޔަލަށެވެ.

ވެމްކޯއިން ބުނީ ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެކަމަށެވެ.

ވެމްކޯއިން ބުނެފައިވަނީ މިމުއްދަތުގެ ތެރޭގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗަރޖްވެސް ދައްކަން ނުޖެހޭނެކަމަށެވެ.

އެހެންނަމަވެސް މިމުއްދަތުގެ ތެރޭގައި ޓްރާންސްފަރ ސްޓޭޝަނަށް ވިޔަފާރިތަކުން ކުނި އުކާނީ ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށްފަހު ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިއާއެކު ސަރުކާރު މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންވެސް މިހާރެކޭ އެއްފަދައިން ކިލޯއަލަށް 2.66 ރުފިޔާ ދައްކަންޖެހޭނެއެވެ. މި ވެހިކަލުތަކުން އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަންޖެހޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ރަމަޟާން މަހާ ދިމާކޮށް ގިނަ އަދަދެއްގެ ކުނި މަގުމައްޗަށް ވަނީ އަޅާފައެވެ. މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ 17 ދުވަސްތެރޭ 263.5 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާކަމަށާއި މިއީ 25 ފޫޓުގެ 10.54 ކޮނޓޭނަރުގެ ކުނިކަމަށެވެ.

- ކޮމެންޓް