ކ. މާލެ
|
13 މާރޗް 2024 | ބުދަ 12:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުން
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް
މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށް ވަނީ ފޮނުއްވާފައި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފިއެވެ.

"އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" އާއި މެދު ގޮތެއް ނިންމުމަށް މި މައްސަލަ މަޖިލީހަށް ފޮނުއްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) ވަނަ ނަންބަރު އަދި 93 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެކަމާއި ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް ހުށަހަޅާދެއްވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއެވެ. ރައީސް ވިދާޅުވިގޮތުގައި އެ މައްސަލަ އާއި ގުޅޭގޮތުން 11 ފެބްރުއަރީ 2024ގައި ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެ މުއާހަދާގައި ބައިވެރިވާން ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި އެކު ދިވެހި ރާއްޖެއިން ވާ މުއާހަދާތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ މުއާހަދާތަކުގައި ސޮއިކުރަންވާނީ މަޖިލީހުގެ ރުހުމާއި އެކު ކަމަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ)ގެ (2) ވަނަ ނަމްބަރުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ އެފަދަ މުއާހަދާތަކަށް އަމަލުކުރަން ވާނީ މަޖިލީހުން ފާސްކޮށްގެން މަޖިލީހުން ނިންމާ ގޮތަކަށް ކަމަށް ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. އެހެންކަމުން "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"ގެ މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށް ވަނީ ފޮނުއްވާފައެވެ.

- ކޮމެންޓް