ގިނަ އަހަރު ތަކަކަށްފަހު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އާސެނަލަށް ޖާގަ ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ވެސް އުފާވެރި ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އެންމެ ފަހުން، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އާސެނަލް ކުޅުނީ 2010 ވަނަ އަހަރު އެވެ. އޭގެ 14 އަހަރު ފަހުން، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އާސެނަ؛ލް ޖާގަ ހޯދީ، ގަދަ 16 ވަނަ ބުރުގައި ޕޯޓޯ ބަލިކޮށްގެންނެވެ.
ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވެފައި އޮތުމުން، އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން އެ ޓީމު އޮތީ މޮޅުވާން މަޖުބޫރު ވެސް ވެފަ އެވެ. އެ ލެގު އާސެނަލުން ކާމިޔާބު ކުރީ ނަތީޖާ ހަމަހަމަވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ޕޯޓޯ މެޗު ވެގެން ދިޔައީ އެމީހުން އުންމީދު ކުރި ގޮތަށް، ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. މެޗުގައި ލިބުނު ފުރުސަތެއްގެ ތެރެއިން ލަނޑު ޖަހައި، އާސެނަލް ސަލާމަތުގެ އައްސާރިއަށް ފޯރީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އަށް އާސެނަލް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިޔުމަކީ އާސެނަލަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. ޚާއްސަކޮށް ފާއިތުވި ހަތް އަހަރު ދުވަހު އެ ޓީމަށް މުބާރާތުން ޖާގަ ނުލިބުނުއިރު، މިއަދު އޮތް ހިސާބަށް މިވީ 14 އަހަރުގެ ތެރޭގައި ވެސް ނުދެވުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަމުން ސިފަ ކޮށްދެނީ އާސެނަލަށް ކުރިމަތިވި އުނދަގޫ ޙާލަތްތައް ކަަމަށެވެ. ނަމަވެސް މިއަދު އެހިސާބަށް ދެވުމުން ވެސް، އާސެނަލަށް އެންމެ ބޭނުންވާ ހިތްހަމަ ޖެހުން ނެތް ކަމުގައި އޭނާ ފާހަގަ ކުރި އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، އިތުރު އަމާޒަށް ވާސިލުވާން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތް ބުރުގައި އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން އާޓެޓާ ބުނީ، މުބާރާތުގެ ކުއާޓާ ފައިނަލުން އާސެނަލަށް ޖާގަ ލިބުމުން އޭނާ އަށް އުފާވެރި އިޙުސާސެއް ކުރެވޭ ކަމަށެވެ. އެއީ އޭނާ ހިމެނޭހެން ޓީމުގެ ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި، ހިތްވަރުގެ ނަތީޖާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެ ރޫޙުގައި އޮވެ އާސެނަލް ކުރިއަށް ދާނެ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.