ކ. މާލެ
|
13 މާރޗް 2024 | ބުދަ 05:37
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
އަލް އިއްތިހާދު ބަލިކޮށް، އަލް ޙިލާލް ސެމީ ފައިނަލަށް
މުބާރާތުގެ ސެމީ ފައިނަލްގައި މި މަހުގެ 16 ވަނަ ދުވަހު އަލް ޙިލާލުން ނިކުންނާނީ އަލް އައިންއާ ދެކޮޅަށް

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ވާދަވެރި އަލް އިއްތިހާދު ބަލިކޮށް، އަލް ޙިލާލުން ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު 2-0 އިން ކާމިޔާބު ކުރީ ވެސް އަލް ޙިލާލް އެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ވެސް އަލް ޙިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލުން އަލް ޙިލާލް ޖާގަ ހޯދި އެގްރިގޭޓު ނަތީޖާ، 4-0 އިންނެވެ.

މެޗުގައި އަލް ޙިލާލުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޔާސިރު އަލް ޝަހްރާނީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖެޖް މިލިންކޮވިޗް ސަވިޗް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެލްކޮމް އެވެ. އެ ލަނޑު އޭނާ ޖެހީ އެލެކްސެންޑާ މިޓްރޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އަލް ޙިލާލް އަކީ މި ސީޒަންގެ ސައުދީ ޕްރޯ ލީގުގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ޓީމެވެ. މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، އަލް ޙިލާލް އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި މި މަހުގެ 16 ވަނަ ދުވަހު އަލް ޙިލާލުން ނިކުންނާނީ އަލް އައިންއާ ދެކޮޅަށެވެ. އަލް އައިން އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދީ ޕެނަލްޓީގައި އަލް ނަސްރު ބަލިކޮށްގެންނެވެ.

- ކޮމެންޓް