ކ. މާލެ
|
11 މާރޗް 2024 | ހޯމަ 06:04
ފްރާންސް ލީގުގައި ޕީއެސްޖީ އަދި ރެއިމްސް ކުޅުނު މެޗުގެ ތެރެއިން
ފްރާންސް ލީގުގައި ޕީއެސްޖީ އަދި ރެއިމްސް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފްރާންސް ލީގު
ރެއިމްސް އިން ޕީއެސްޖީ ހުއްޓުވައިފި
އެއް ވަނައިގައި ޕީއެސްޖީ އޮތީ މިހާތަނަށް ކުޅުނު 25 މެޗުން 56 ޕޮއިންޓު ހޯދައިގެން

ފްރާންސް ލީގުގަައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއްވަރުވެއްޖެ އެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމުގެ ލަނޑުތައް ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަަ ފްރާންސްގެ ކީލިއަން އެމްބާޕޭ ކުޅެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުން އަރައިގެންނެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ރެއިމްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އޮމަރު ޑިއާކައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ މާޝާލް މުނެޓްސީ އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަވީ ރެއިމްސްގެ ޔޫނުސް ޢަބްދުލް ޙާމިދު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އޭގެ ދެ މިނެޓު ފަހުން މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއާކައިޓް ވަނީ ރެއިމްސްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗު އެއްވަރު ވިޔަސް، އެއް ވަނައިގައި ޕީއެސްޖީ އޮތީ މިހާތަނަށް ކުޅުނު 25 މެޗުން 56 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބްރެސްޓަށް ލިބެނީ 46 ޕޮއިންޓެވެ. ރެއިމްސް އޮތީ 25 މެޗުން 35 ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ.

- ކޮމެންޓް