ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެއްވާނެކަމަށް ބައިޑަން ވިދާޅުވުމާ ގުޅިގެން، އެމެރިކާގެ ފުރަތަމަ މަނަވަރު ޣައްޒާއަށް ފުރައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން ޣައްޒާއަށް އިންސާނީ އެހީ ފޮނުވުމަށް އުޅަނދެއް ފުރާފައިވާކަމަށެވެ.
ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އުޅަނދު ފޮނުވާލައިފައިވަނީ ކަނޑުމަގުން ކަމަށާއި، އެއީ އެމެރިކާއިން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ބައިޑަން އިއުލާންކުރެއްވިތާ 36 ގަޑިއިރުވެސް ނުވަނީސް ކަމަށެވެ.
ލޮޖިސްޓިކް ސަޕޯޓް އުޅަނދަކީ އިންސާނީ މުހިންމު ސާމާނު ފޯރުކޮށްދިނުމަށް ވަގުތީ ބަނދަރެއް ގާއިމުކުރުމާގުޅޭ މަޝްވަރާތައް ކުރެވުނުފަހުން ފުރި، އިންސާނީ އެހީގެ މިފަދަ ފުރަތަމަ އުޅަނދު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ބުރާސްފަތި ދުވަހު ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި ބައިޑަން މިކަން އިއުލާންކުރައްވާފައި މި ވަނީ، ހަމާސްގެ ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން ފެށިތާ ފަސް މަސްދުވަސް ފަހުން، ޣައްޒާގެ 2.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ކާރިސާއެއް އުފެދިދާނެކަމުގެ އިންޒާރު އދ.ން ދީފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 31،000ށްވުރެ ގިނަ މީހުން ޝަހީދުވެ، 72،400ށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޒަޚަމްވެފައެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޣައްޒާގައި ހައްޔަރުކޮށްފައެވެ.
އިޒްރޭލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓައިލައިފައެވެ.
އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ދައުވާކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ހުއްޓާލައި، ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.