ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު ބަލިވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކާޑިޒްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ ބަލިވީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކާޑިޒް އިން އެެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 24 ވަނަ މިނެޓުގައި ކާޑިޒް އަށް ލީޑު ނަގައިދިނީ ހިމިނޭޒް ޖުއާންމީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރުބެން ސޮބްރިނޯ އެވެ. ކާޑިޒްގެ ދެ ވަނަ ލަނޑު ވެސް ޖެހީ ޖުއާންމީ އެވެ. ދެ ވަނަ ހާފުގައި އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖަވީ ހެނާންޑޭޒް އެވެ.
ބައްޔާއެކު، ތިން ވަނައިގައި އޮތް ޖިރޯނާއާ ދެމެދު ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު އެތުލެޓިކޯ އަށް ވަނީ ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު 28 މެޗުން 55 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ. އެތުލެޓިކޯ އަތުން މޮޅުވި ކާޑިޒް އޮތީ މިހާތަނަށް ކުޅުނު 28 މެޗުން 22 ޕޮއިންޓާއެކު 18 ވަނައިގަ އެވެ.