އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ދިން ސަސްޕެންޝަން ބަލައި ނުގަނެ, ކްލަބް ވެލެންސިޔާއިން އެކަން ކުށްވެރިކޮށްފިއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ވެލެންސިޔާއިން ޢާއްމުކުރި ބަޔާނެއްގައި ބުނީ ވެލެންސިޔާ ސަސްޕެންޑްކުރީ ކްލަބްގެ މަސްލަހަތު އޮތް ފަރާތްތަކަކުން ބޭނުންވާ ގޮތަށް ކަންކަން ނުކުރާތީ ކަމަށެވެ.
ވެލެންސިޔާއިން އެ އިޝާރާތްކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށެވެ. ބައްސާމަކީ ވެލެންސިޔާގެ ކުރީގެ ޗެއަރމަން އެވެ. އަދި ޗެއަރމަންކަމުން ވަކިވި ނަމަވެސް މި މައްސަލަތައް ޖެހުމާ ހަމައަށް ވެލެންސިޔާގެ ކޮންޓްރޯލް އޮތީ ބައްސާމް އަތުގައެވެ. ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވެލެންސިޔާ ސަސްޕެންޑްކުރުމުން އެ ކްލަބުން ބުނީ ޑިސިޕްލިނަރީ ފިޔަވަޅު އެޅި މައިގަނޑު ސަބަބަކީ ކެންސަލްކުރި އެފްއޭއެމްގެ އިންތިޚާބުގައި އަހުމަދު ތާރިގަށް ތާއީދު ކުރުން ކަމަށެވެ. އަދި އަލުން ހުޅުވާލި އިންތިޚާބުގައި ވެސް ވެލެންސިޔާގެ ނިންމުން ބަދަލުނުކޮށް, ތާރިގަށް ތާއީދުކުރާނެ ކަމަށް އެފްއޭއެމްގެ އިސްވެރިންނަށް ހީވުމަކީ ސަސްޕެންޑްކުރި ސަބަބުކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެކަމަށް ބާރުދީ ވެލެންސިޔާއިން ފާހަގަކުރީ ސަސްޕެންޑްކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި އައު އިންތިޚާބަށް ހުޅުވާލުމެވެ. އެކަމުން އެފްއޭއެމްގެ ނިޔަތް ގޯސްކަމަށް ބާރުލިބޭ ކަމަށް ވެލެންސިޔާއިން ބުންޏެވެ.
ވެލެންސިޔާއިން ބުނީ ސަސްޕެންޑްކޮށް އަދަބު ދިނީ ކްލަބްގެ މަސްލަހަތު އޮތް ބަޔަކު ބޭނުންވާ ގޮތަކަށް ކްލަބްގެ ކަންކަން ބައްޓަން ކުރުމަށް ވާގިވެރި ނުވާތީ ކަމަށެވެ. ވެލެންސިޔާއިން ޔަގީންކަން ދިނީ އެ ކްލަބްގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފައިވަނީ ކްލަބްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކޮމިޝަނަރ އޮފް ސްޕޯރޓްސްއަށް އެކަން އެންގުމަށްފަހު, ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ހުއްދައާ އެކުގައި ކަމަށެވެ. ވެލެންސިޔާގެ ހިންގާ ކޮމިޓީ ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން ބަލައިގެންފައިވާކަން ވެސް ވެލެންސިޔާގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވެލެންސިޔާއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުން ވެސް ވެލެންސިޔާގެ ހިންގާ ކޮމިޓީގެ ސައްހަކަން ސާބިތުކޮށްދޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.