ކ. މާލެ
|
8 މާރޗް 2024 | ހުކުރު 19:12
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
ސަރުކާރުގެ ވައުދުތައް
"ފަށަނީ، ފަށާނެ، ފަށާނަން" - ސަރުކާރުގެ ކާމިޔާބު މިނަންވީ އުންމީދުގެ މަތީގައިތަ؟
 
ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވި ނަމަވެސް ވައުދުތަކުގެ ތަފްސީލެއް ނުދެއްވާ

"ފަށަނީ، ފަށާނެ، ފަށާނަން" މި ނޫން އަޑެއް އެބަ އިވޭހެއްޔެވެ؟ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ހިސާބަށް ވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި ގައުމުގެ އިސް ވެރިން ދައްކާ ވާހަކަ އަކީ އެވެނި މިވެނި ކަމެއް ފަށާ ވާހަކަ އެވެ. ހަފްތާ 14އިގެ ނަމުގައި ބޮޑު ކަރުދާހެއް އެކުލަވާލާ އެ ވިއްކާ އިރު، އެ ބުނާ "ހަފްތާ 14"އިގެ ވައުދުތައް ވެސް އޮތީ އެހެންނެވެ. ތަންކޮޅެއް ތިލަކޮށްލާނަމެވެ. މި ސަރުކާރުން ވެސް ލައްކަ ގިނަ ވައުދުތައް ވިއެވެ. ވެރިކަމަށް އައީ ވެސް މިހާރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކެމްޕެއިން ކުރަނީ ވެސް މިދެންނެވިހެންނެވެ.

ނޮވެމްބަރު 17, 2023, ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތީ ގިނަ ވައުދުތަކެއް ވެވަޑައިގެންނެވުމަށް ފަހުގައެވެ. ވެރިކަމަށް ވަޑައިގެން މިއަދާއި ހަމައަށް މަސައްކަތްތައް އަތުރާލެއްވި ގޮތަށް ބަލާއިރު ފާހަގަކޮށްލެވޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ މަޝްރޫޢުތަކާއި މަސައްކަތްތައް ފެށުމަށް ކަނޑައެޅޭ ވަކި ތާރީހެއް ނުދެއްވާކަމެވެ. އަދި ޓައިމްލައިންތަކާއި ތަފްސީލްތައް ނިކަން މަދުކަމެވެ. ވާނީވެސް އެހެންތާއެވެ. ދުވަހެއް ދެއްވައިފިއްޔާ އެ ދުވަހަކަށް އެ މަސައްކަތް ނިންމަން ޖެހޭނެތާއެވެ. އެ ނޫނިއްޔާ އެ މަަސައްކަތް ނުކުރެވި ޖަވާބުދާރީ ކުރުވަން ފުރުސަތު ލިބޭނެ ނޫންތޯއެވެ.

އަބަދުވެސް ބުނަނީ ކަންކަން ކުރާނެ ވާހަކައެވެ. އެވެނި މަޝްރޫޢު އެއް ފަށަން ފީސިބިލިޓީ ހަދާ ވާހަކައެވެ. މިވެނި މަޝްރޫޢު އެއް ހަދަން ދިރާސާކުރާ ވާހަކައެވެ. ވެރިކަމަށް 100 ދުވަސް ހަމަވި އިރު "ޔަގީންކުރައްވާ"، "އިތުބާރުކުރައްވާ" މި ފަދަ އިބާރާތްތަކުން ދެއްވާ އުންމީދު ނޫން އުންމީދެއް ނެތެވެ. ކުރީ ސަރުކާރުގެ ވާހަކަތައް ދައްކައިގެން ބޮޑާހޭކުމާއި، ކަންކަން ކުރާނެ ކަމަށް ބުނެ ޔަގީންކަން ދިނުން ނޫން މާބޮޑު ކަމެއް ގިނަ ދާއިރާތަކުން ފެންނާކަށް ނެތެވެ.

އިންޑިއާ ސިފައިން ބޭލުމަށް ވިޔަސް، ފްލެޓާއި ގޯތި ދިނުން ކަމަށް ވިޔަސް، އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިޔަސް ހަމަ މިވަރެއްގައެވެ. އެއްވެސް ކަމެއް ވިދާޅުވި ގޮތަކަށް ކޮށެއް ނުދެވެއެވެ. އެއް ދުވަހު ދައްކާ ވާހަކަ އާއި މެދު އަނެއް ދުވަހު ސުވާލުކުރުމުން މުޅިން ވާހަކަ ބަދަލުކޮށްލައްވައެވެ. މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ބަލާލާ ނަމަ އެ ދަތުރުފުޅުތަކުގައި ވެސް ވާހަކަ ބަހައްޓަވަނީ ހަމަ މި ރާގަށެވެ. ރައީސް މަނިކުފާނު ވިދާޅުވަނީ ވައުދުތައް ފުއްދާނެ ކަަމަށެވެ. ފުއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ވައުދުތައް ފުއްދަވާނެ ގޮތެއް، ފަންޑު ހޯދާނެ ގޮތެއް، އެ ކަމުގެ އިތުރު ތަފްސީލެއް ނެތެވެ. މިއީ ވިސްނާލުން މުހިންމު ކަމެކެވެ. ސަރުކާރުގެ ކާމިޔާބު މިނަންވީ އުންމީދުގެ މަތީގައިތޯ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ