އޭނާ އަކީ މައުސޫމު މީހެއް ކަމަށް ބުނެ، ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީއާ ދެކޮޅަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.
އަންޗެލޮޓީގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެންމެ ފުރަތަމަ ރެއާލްގެ ކޯޗުކަމުގަައި އޭނާ ހުރި ދުވަސްވަރު، އިމޭޖް ރައިޓްސް އާމްދަނީން ޓެކްސް ނުދައްކާ އޮތް ކަމުގެ ތުހަމަތެކެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރާ ހަމައަށް، އަންޗެލޮޓީ އެއް މިލިއަން ޔޫރޯ ނުވަތަ 1.1 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ހަތަރު އަހަރާއި، ނުވަ މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ވެސް ޕްރޮސެކިއުޓަރު ވަނީ އެދިފަ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރެއާލުން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެއީ ވަރަށް ދުވަސްވެފައިވާ ވާހަކައެއް ކަމަށާއި، އެއީ މީގެ އަށް ވަރަކަށް އަހަރު ކުރީގެ ވާހަކައެއް ކަމަށެވެ. އަދި އޭނާ އޭރު ހުރީ ސްޕެއިންގެ ރައްޔިތެއްގެ ގޮތުގައި ހުރި މީހެއް ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހަށް ޤަބޫލު ކުރެވުނު ނަަމަވެސް، އޭނާ ހުރީ ސްޕެއިންގެ ރައްޔިތެެއްގެ ގޮތުގައި ނޫން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ މިހާރު އޮންނާނީ އެކަމުގެ ސަބަބުން ދައްކަން ޖެހުނު ޖޫރިމަނާ ވެސް ދައްކާފައި ކަަމަށާއި، އެހެންކަމުން އޭނާ އަކީ މައުސޫމު މީހެއް ކަމަށެވެ.
ޕްރޮސެކިއުޓަރުގެ ފަރާތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޓަލީ އަށް ނިސްބްތާ އަންޗެލޮޓީ ސްޕެއިންގައި ދިރިއުޅެމުން އައި ދުވަސްވަރު ޓެކްސް ބަޔާން ހުށަހެޅި ނަމަވެސް، އޭނާގެ އިމޭޖް ރައިޓްސް މެދުވެރިކޮށް ލިބުނު އާމްދަނީ އުނިކޮށްފައިވާ ކަމަށެވެ.