ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ މަތީސް ޓެލް، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.
އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ފްރާންސްގެ ރެނޭސް ދޫކޮށް ބަޔާނަށް ބަދަލުވެ، އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރަށެވެ. ނަމަވެސް، އޭގެ މާކުރިން ބަޔާނުން ވަނީ އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. ބަޔާނާއެކު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޓެލް ބުނީ، އެއްބަސްވުން އައު ކުރެވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ވެސް ބަޔާންގައި ވަަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށެވެ. އެގޮތުން ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި، ރަނގަޅު ގިނަ ކަންތައްތަކެއް ދަސްވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ. އިތުރަށް ޓެލް ބުނީ އެންމެ ބޮޑު އުންމީދަކީ ބަޔާންގައި ގިނަ ލަނޑުތަކެއް ޖެހުން ކަމަށާއި، ބަޔާންގައި ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނީ އެކަން ކަމަށެވެ. އަދި ޚާއްސަކޮށް، އެ ކުލަބަށް އޭނާގެ ހުރިހާ ކަމެއް ދޫކޮށްލަން ބޭނުންވާ ކަމަށް ވެސް ޓެލް ވަނީ ބުނެފަ އެވެ.
ޓެލް ވަނީ މިހާތަނަށް ބަޔާނަށް 58 މެޗު ކުޅެދީ 13 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. މި ސީޒަންގައި އޭނާ ވަނީ ބަޔާނަށް ހަތް ލަނޑު ޖަހައިފަ އެވެ.