ވެންޓިލޭޓަރުގެ މައްސަލާގައި ދިވެހި ދައުލަތަށް ހޯދަންޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް، އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގެ އާބިޓްރޭޝަން ކުރިއަށްދިޔައިރު، އެކުންފުނި ވީ ތަން ނޭނގޭކަމަށާއި، އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށާއި، މި މައްސަލާގައި ދިވެހި ދައުލަތަށް ވަރަށް ބޮޑެތި ގެއްްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެފައިސާ ހޯދުމަށް ހުށަހަޅަންޖެހޭ އެހެންތަންތަނަށް މައްސަލަ ހުށަހަޅައިގެން އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު އިޝޫގަ، ތި ވިދާޅުވިހެން އާބިޓްރޭޝަނުން ނިންމާފަ ވަނީ އެ ކުންފުނިން ފައިސާ ދޭންޖެހޭ ނެކަމަށް. ޖުމްލަ ތިރީސް ދެ މިލިއަން ފަސްލައްކަ ހަތްދިހަ ހަތަރުހާސް ދިވެހި ރުފިޔާ. ގާތްގަނޑަކަށް 2.1 މިލިއަން ޑޮލަރު ވަރު ދައްކަންޖެހޭނެ ކަމަށް. ތި ވިދާޅުވިހެން އާބިޓްރޭޝަން މަސައްކަތް ކުރިއަށް ދިޔައިރު ވެސް އަޅުގަނޑުމެންނަށް އެ ކުންފުންޏެއް ވީތަނެއް ނޭނގުނު. އެއްވެސް ހިޔަރިންގ އަކަށް އެކުންފުނީގެ ފަރާތުން ހާޒިރެއްނުވޭ. އެއްވެސް ބަޔާނެއް އާބިޓްރޭޝަނަށް ހުށައެއްނާޅާ. އާބިޓްރޭޝަން މި ހިނގާ ގޮތަކީ؛ އާބިޓްރޭޓަރއަށް ވެސް އެބަޖެހޭ ފީއެއް ދައްކަން. އާބިޓްރޭޓަޝަން ސެންޓަރަށް ވެސް ޖެހޭ ފީއެއް ދައްކަން. ކަން ދިމާކުރި ގޮތުން އާބިޓްރޭޓަރއަށް ދެކޮޅުން ދައްކަންޖެހޭ ފީ ދައްކަން ޖެހުނީ ސަރުކާރުން. އާބިޓްރޭޝަން ސެންޓަރުން ދެކޮޅުން ދައްކަންޖެހޭ ފީ ދައްކަން ޖެހުނީ ސަރުކާރުން. ވެންޓިލޭޓަރުތައް ނުލިބުނުތާނގަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ބައިވަރު ޚަރަދުތަކެއް ކުރަންޖެހިފަ މިއޮތީ. އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ ސަރުކާރުން. އޭގެތެރޭން ފަހު ދެތިން ހިޔަރިން އެއް ކުރިއަށް ދިޔައީ މިސަރުކާރުގެ ތެރޭގަ. އެހެންވީމަ އަޅުގަނޑުމެންނަށް މިހާރު ޖެހިފަ ކުރަންޖެހިފަ އޮތް މަސައްކަތަކީ އޭގެ އެންފޯސްމަންޓަށް ދާންޖެހިފަ މިއޮތީ. އެ ކުންފުންޏަކީ ދުބާއީގަ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏާކަށް ވާތީ އެންފޯސްމަންޓަށް އަޅުގަނޑުމެން ދުބާއީއަށް ދާން މިޖެހެނީ. އެންފޯސްމަންޓް މަސައްކަތް ކުރުމަށްޓަކާ، ދުބާއީގެ ކޯޓުތަކަށް މައްސަލަ ހުށަހެޅުމަށްޓަކާ ކުރަންޖެހޭ މަސައްކަތް މިހާރު އެޓަރނީ ޖެނަރަލްގެ އޮފީހުން ކުރިއަށް އެބަ ގެންދަން. މިހާތަނަށް މި މައްސަލާގަ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ.އެޓަރނީ ޖެނެރަލް، އަހުމަދު އުޝާމް
ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން 2 އެޕްރީލް 2020 ވަނަ ދުވަހު ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ޚިލާފުވެފައިވާތީ، އެ މައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން 16 ފެބުރުވަރީ 2023ގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ވަނީ ހުށަހަޅާފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެފަރާތުން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32,574,750 (ބައްތިރީސްމިލިއަން ފަސްލައްކަ ހަތްދިހަހަތަރުހާސް ހަތްސަތޭކަ ފަންސާސް) ދިވެހި ރުފިޔާއަށް ވާ 2,112,500 (ދެ މިލިއަން އެއްލައްކަ ބާރަހާސް ފަސްސަތޭކަ) ޔޫއެސް ޑޮލަރުގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ވަނީ އެދިފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެގެންދާނެކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓަރސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ.
ބާކީ 60 ވެންޓިލޭޓަރު މި އަދާހަމައަށް އައިއިރުވެސް ލިބިފައެއް ނުވެއެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން، މާލިއްޔަތު ގަވައިދާ ޚިލާފަށް، އެއްބަސްވުމުގައި ސޮއިކުރުމަކާނުލައި 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދޫކޮށްފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނިނަމަވެސް، ޑަބްލިއުއެޗްއޯއިން އެކަން ދޮގުކުރެއެވެ.