ރައީސް ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނު މިނިވަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އޯޑިއަންސްގައި އިންނަވައި ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ، ޕޯޑިއަމްއަށް އަރާ އެއްވެސް ފަރާތަކުން އެމަނިކުފާނު މިނިވަން ކުރެއްވުމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނު ސަލާމަތް ކޮށްދެއްވުމަށް އެދި ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ޔާމީން ވިދާޅުވީ، ލައިވް ޕޯޑިއަމްއެއްގައި އެމަނިކުފާނު ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް ދެއްކެވުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ޕީޕީއެމް ދޫކޮށްލައްވައި ވަޑައިގެންނެވުމުގެ ފަހަތުގައިވާ ސަބަބުވެސް ރައްޔިތުންނަށް ވިދާޅުވާން ބޭނުންފުޅުވާކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީނު ވަނީ ރައީސް މުއިއްޒު އެމަނިކުފާނު މިނިވަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދެއް ނެތްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެކަން ކުރައްވާނެ ނަމަ، ފާއިތުވި ދެ މަސް ދުވަހުވެސް އެ މަސައްކަތް ނުކުރައްވަންވީ ކީއްވެތޯ ޔާމީނު ސުވާލު ކުރެއްވިއެެވެ.
ދެން ކީއްކުރަންތޯއޭ އަޅުގަނޑު އުއްމީދު ކުރަންވީ. އަޅުގަނޑުގެ އިންތިޒާރުގެ އެއްވެސް ހިސާބެއްގައި ނެތޭ ރައީސް މުއިިއްޒު އަޅުގަނޑު ވީއްލުމަށް މަސައްކަތެއް ކުރައްވާ ކަމަކަށް. ކުރައްވަންޏާ ކީއްވެތޯ މިއަދު ކުރައްވަންވީ؟ ކީއްވެގެންތޯ މި ދެ މަސް ދުވަސް ދިޔައިރު ނުކުރައްވަންވީ؟ކުރީގެ ރައީސް އަބްދުﷲ ޔާމީން
އަދުގެ ސަރުކާރާއި ރައީސް ޑރ މުއިއްޒުގެ ކިބައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އެއްވެސް އިހުސާންތެރިކަމެއް ހުރިނަމަ، އެމަނިކުފާނުގެ ޙައްޤުގައި ކުޑަމިނުން ވަކާލާތު ކުރައްވާނެކަމަށް ޔާމީނުގެ އާއިލާއިން ވެސް ބުނެފައިވެއެވެ.
މިއީ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ އަޑުއެހުން ނުބާއްވައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެ ކުޑަމިނުން އެކަންކަމަށް ވަކާލަތު ކުރެއްވޭނެ ބޭފުޅުން ސަރުކާރުގެ މަތީފަޑީގައި ވެސް ތިއްބެވީ ހަނުކަމަށް އާއިލާއިން ބުނެފައިވެއެވެ.