ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-1 އިންނެވެ. އޭގެ ކުރިން ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފްރާންސްގެ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެވެ. ޕީއެސްޖީން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ލީ ކަން އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި، 56 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖެހީ ވެސް އެމްބާޕޭ އެވެ. މެޗުގައި ސޮސިއެޑާޑްގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ޖެހީ މިކޭލް މެރިނޯ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރު ނެގުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.