ކ. މާލެ
|
6 މާރޗް 2024 | ބުދަ 05:55
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ: ހާލަންޑް
 
އިންޑިވިޖުއަލް އެވޯޑުތައް މެސީ އަށް ލިބިފައިވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހާލަންޑް ބުނީ، އެއީ ރަނގަޅު ސުވާލެއް ކަމަށް

އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ، މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާލިން ހާާލަންޑް ބުނެފި އެވެ.

ހާލަންޑް މިހެން ބުނީ، އޭނާއާ ވާދަކޮށް ބައެއް އެވޯޑުތައް މެސީ ހޯދާފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. މެސީ ވަނީ ފްރާންސް މެގަޒިނުން އެންމެ ފަހުން ދިން ބެލެންޑިއޯ އެވޯޑުގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑު ވެސް ހޯދައިފަ އެވެ.

ހާލަންޑް ގިނަ ލަނޑު ތަކެއް ޖެހި ނަމަވެސް، އިންޑިވިޖުއަލް އެވޯޑުތައް މެސީ އަށް ލިބިފައިވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހާލަންޑް ބުނީ، އެއީ ރަނގަޅު ސުވާލެއް ކަމަށެވެ. ނަމަވެސް އެކަމަށް ބުނާނެ ވަކި އެއްޗެއް ނޭންގޭކަން ފާހަގަކޮށް ހާލަންޑް ބުނީ، މެސީ ވަނީ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ކަމަށެވެ. އަދި އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މެސީ އަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވެސް ހާލަންޑް ވަނީ ބުނެފަ އެވެ.

ސިޓީގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހާލަންޑް ބުނީ، އެ ކުލަބުގައި އޭނާ ހުރީ ވަރަށް އުފަލުން އަދި ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި ކުލަބުގެ އިސްވެރިންނާއި، ކޯޗިން އޮފިޝަލުންގެ އިތުރުން ކުޅުންތެރިންނާމެދު ވެސް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އޭނާ ބުނީ މާދަމާ ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނަން ނޭންގޭ ކަމަށާއި، ސިޓީގައި އޭނާ ހުރީ އުފަލުން ކަމަށެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުގައި ހުރުމަށްފަހު ސިޓީ އަށް ބަދަލުވެ ހާލަންޑު އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސިޓީ އާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް