މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކީ ރައްކާތެރި ބައެއްގެ ގޮތުގައި ހެދުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އީސީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުއާދު ވަނީ 2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ފުއާދު މަގާމުން ވަކިކުރި ކުރުން ފާހަގަކުރައްވާފައެވެ. ފުއާދު ވިދާޅުވީ އޭރުގެ ރައީސު ބޭނުންވި ގޮތަށް ބޯ ނުލެނބުމުގެ ސަބަބުން ސްޕްރީމް ކޯޓު މެދުވެރިވެގެން ފުއާދުގެ މަގާމުން ވަކިކުރީކަމަށެވެ.
ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ. ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ފުއާދު ވިދާޅުވީ އޭރު މަޖިލީހުންވެސް ސްޕްރީމް ކޯޓަށް މިނިވަން މުއައްސަސާގެ މެމްބަރަކު ވަކިނުކުރެވޭނެކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް މަޖިލީހަށް ކުރެވުނު ވަކި ކަމެއް ނެތްކަމަށެވެ. ފުއާދު ވިދާޅުވީ އެއްވެސް އިރެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނޯންނާނެކަމަށެވެ. އަދި އެފަދަ އަމުރަކަށްވެސް ބޯލަނބާފައިނުވާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ހިމާޔަތެއް ނޯންނަކަމަށެވެ. ފުއާދު ދެވަނަ ފަހަރަށް އީސީގެ މެމްބަރުކަމަށް ވަޑައިގެންނެވީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. ފުއާދުގެ ދައުރު މިއަހަރުގެ ނޮވެމްބަރަށް ހަމަވިނަމަވެސް މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް އެކަން ކޮށްދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން ފުއާދު އެދިވަޑައިގެންނެވިއެވެ.