ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 11:23
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލު
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލު
ގޫގުލް
ޣިޔާޘުއްދީން ސްކޫލް
އެޑްމިޝަން ފޯމުގައި "ޓްރާންސްޖެންޑާ" ޖެހުނީ އޮޅުމަކުން: ޣިޔާޘުއްދީން ސްކޫލް
އެކަމަށްޓަކައި މައާފަށް އެދެމުން އެފަދަ ކަމެއް ދެވަނަ ފަހަރަކަށް ނުވާނެ ކަމުގެ ޔަގީންކަން އެ ސްކޫލުން ދީފައިވޭ

ސްކޫލަށް ވަނުމަށް އެދޭ ފޯމުގައި "ޓްރާންސްޖެންޑާ" ނުވަތަ "ޖިންސު ބަދަލުކުރި" ކަމުގެ އިޚްތިޔާރު ހިމެނުނީ އޮޅުމަކުން ކަމަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.

މާލެ ސިޓީގައި ހުންނަ ޣިޔާޘުއްދީން ސްކޫލަށް ވަނުމަށް އެދޭ ފޯމުގެ ޖިންސު ޚިޔާރުކުރުމުގެ އޮޕްޝަންގައި، "ޓްރާންސްޖެންޑާ" ހިމެނިފައިވާ ކަމަށް ބުނެ، އެ ޕޯޓަލްގެ ސްކްރީން ޝޮޓްތަކެއް މީސް މީޑިޔާގައި ދައުރުވިއެވެ. އެކަމާ ގުޅިގެން އެ ސްކޫލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެ އަމާޒު ކިޔުންތަކާ ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، 2024-2025 ވަނަ އަހަރުގެ ގްރޭޑް އެކަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެޑްމިޝަން ހުޅުވުމުގެ ތެރޭގައި، ޖިންސު އިޚްތިޔާރު ކުރުމުގެ މެނޫ އަށް، ޓްރާންސްޖެންޑާ އިތުރު ކޮށްފައިވަނީ އެ ސްކޫލު ހިންގާ ފަރާތުގެ އީއާރްޕީ ސިސްޓަމުގެ ތެރެއިން، އިންޑިޔާ އަދި ބޭރު އެހެން ގައުމުތަކަށް ކަމަށެވެ.

އެހެން ނަމަވެސް އެ ބަދަލު ރާއްޖޭގެ ޣިޔާޘުއްދީން ސްކޫލުގެ ފޯމުގައި ހިމެނުނު ކަމަށާއި، އެ ކަން އެހެން ދިމާވީ ބަލަންޖެހޭ ވަރަށް ކަންކަން ނުބެލި، ޣިޔާޘުއްދީން ފޯމުގައި އެ ބަދަލު ހިމެނުނުކަން ޔަގީން ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

އަދި އެކަން ފާހަގަ ކުރެވުނު ހިސާބުން، އެ ކަން އިސްލާޙުކުރުމަށް ޑެވެލޮޕަރުންނާ ވާހަކަ ދައްކައިގެން، އެ އޮޕްޝަން އުނިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމަށްޓަކައި އާންމުންގެ ކިބައިން މަޢާފަށް އެދެމުން އެ ބަޔާނުގައި ބުނީ، އެ ސްކޫލުން ރާއްޖޭގައި ފާއިތުވި 14 އަހަރު ފޯރުކޮށްދިން ޚިދުމަތުގައި، އަބަދުވެސް ބެލީ ރާއްޖޭގެ ޤާނޫނުތަކަށާއި އިސްލާމް ދީނުގެ އުސޫލުތަކުގެ މަތިން ޢަމަލުކޮށް، ރިވެތި އުސޫލުތައް ކިޔަވައިދިނުމަށް ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ނުވާނެ ކަމުގެ ޔަގީންކަން އެ ސްކޫލުން ދީފައިވެއެވެ.

- ކޮމެންޓް