ބްރެޒިލްގެ ރައީސް މިޝޭލް ޓީމާގެ ކޮރަޕްޝަނުގެ މައްސަލައިގައި ދައުވާ ކުރަން ސުޕްރީމް ކޯޓަށް ފޮނުވަން ފެނޭތޯ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ބުދަ ދުވަހު ނެގި ވޯޓްގައި އެ ގޮތަށް ނުފެންނަ ކަމަށް މެމްބަރުން ވޯޓް ދެއްވުމުން ރައީސް ޓީމާ ސަލާމަތްވެ ވަޑައިގެންފިއެއެވެ.
ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް ފެންނަ ކަމަށް ފާސްވި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވައި ހަ މަސްދުވަހަށް ޓީމާ ސަސްޕެންޑްކުރެވި އަދި އެއަށްފަހު މަގާމުން ވަކިކުރެވިގެންދާނެއެވެ.
ތިރިގޭގެ 513 މެމްބަރުންގެ ތެރެއިން 263 މެމްބަރުން ވޯޓް ދެއްވާފައި ވަނީ މައްސަލަ ޝަރީއަތަށް ފޮނުވުމާ ދެކޮޅަށް ކަމަށްވާއިރު އެއްކޮޅަށް ވޯޓް ދެއްވާފައި ވަނީ 227 މެމްބަރުންނެވެ. މިއީ މިފަދަ ނިންމުމެއް ފާސްވުމަށް ބޭނުންވާ 342 ވޯޓަށް ވުރެ މަދު އަދަދެކެވެ.
ޓީމާ ވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ އެއީ "ސާފު އަދި ވާދަނުކުރެވޭނެ" ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޓީމާގެ މައްޗަށް ތުހުމަތު ކުރެވުނީ އެއްގަމު މަސް ބަންދުކުރާ ކާރުޚާނާއެއް ކަމަށްވާ ޖޭބީއެސްގެ ވެރިޔާ އަތުން ރިޝްވަތުގެ ގޮތުގައި 12 މިލިއަން ޑޮލަރު ނެންގެވި ކަމަށެވެ. އެ ތުހުމަތުތައް ޓީމާ ދޮގުކުރައްވައެވެ.
"ތިރިގެއިން އަޅުގަނޑަށް ދެއްވި ތާއީދާއެކު އަޅުގަނޑުމެން ފާސްކުރާނަށް ގައުމަށް ގެންނަން ބޭނުންވާ އެންމެހާ އިސްލާހުތައް" ވޯޓަށް ފަހު ޓީމާ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ގައުމުގައި އިންވެސްޓްކުރަންވީ ވަގުތު. ބްރެޒިލް އަނެއްކާ ވެސް އޮތީ ކުރިއެރުމަށް ތައްޔާރަށް"
އެ މަނިކުފާނުވަނީ 2018 ގެ ޑިސެމްބަރު މަހަށް ހަމަވާ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.