ކ. މާލެ
|
1 މާރޗް 2024 | ހުކުރު 22:40
އެހީގެ ކުދި ޝިޕްމަންޓްތައް އެކުވެރި ޢަރަބި ޢިމާރާތުގެ ބަނދަރުތަކުން ހުއްޓުވާ، ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ހުރަސްކޮށް ސޫދާންއަށް އެތެރެ ކުރޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
 
އެހީގެ ޝިޕްމަންޓް ލަސްވުމުގެ އަސަރުތައް، ސޫދާންގައި މުދާ އުފުލުމުގެ ޚިދުމަތް ދޭ ޓްރަކް ޑްރައިވަރުންގެ ދިރިއުޅުމަށްވެސް ދަނީ ފޯރަމުން
 
ރެޑް ސީ ސަރަޙައްދުގައި ހަނގުރާމައާއި އަސްކަރީ ކުރިމަތިލުންތައް ގަދަވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ސޫދާންއަށް ފޯރަންޖެހޭ އެހީގެ ގިނަ ޝިޕްމަންޓްތަކަކަށް ވަނީ ބުރޫ އަރާފައި

ފަލަސްޠީނުގެ ޣައްޒާގައި ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ ވަރުގަދަ ޤަތުލުޢާންމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ޒިންމާދާރު ކަމާއެކު ފިޔަވަޅުތަކެއް އަޅަން ފެއިލްވެފައި ވާ އިރު، ޔަމަނުގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރާ ޙޫޘީ ހަނގުރާމަވެރިން ދަނީ އެކި ގޮތް ގޮތުން އިޒްރޭލަށް ޙަމަލާތައް ދެމުންނެވެ. އެބައެއްގެ ނިވަލުގައި އޮވެގެން އިޒްރޭލުން ހުރިހާ ޖަރީމާއެއް ހިންގާ އެމެރިކާއަށްވެސް ޙޫޘީންގެ ޙަމަލާތައް ޢަމާޒު ކުރެއެވެ. ފަހަރެއްގައިވެސް ފަސްގަނޑަށް އަރައިގެން، ނޫނީ ވައިގެ މަގަކުންވެސް ނޫނެވެ.

ޔަހޫދީ ނިރުބަވެރި އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ޙޫޘީން ހަނގުރާމަ ދެނީ، އެމެރިކާއާއި އިޒްރޭލާ ގުޅުން އޮންނަ ކަނޑުބޯޓު ފަހަރަށް ހުރަސް އަޅައިގެންނެވެ. މިދިޔަ 2 މަހެއްހާ ދުވަހަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުގެ މައި ރާސްތާއެއް ކަމަށްވާ ރެޑް ސީ ސަރަޙައްދުގައި ޙޫޘީންގެ ޙަމަލާތައް ވަރުގަދަ ކޮށް، އެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުންވެސް ޙަމަލާތަކެއް ދީ، މެދުއިރުމަތީގެ މަސްރަޙަށް އިތުރު ނުތަނަވަސް ކަމެއް ގެނުވި ދުވަސްތަކެކެވެ. މި ހުރިހާ ކަމެއްގެ ސީދާ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ އެއް ބަޔަކީ، އަހަރަކާ ގާތްވަމުންދާ ދާޚިލީ ހަނގުރާމައެއް ކުރަމުން ދާ ސޫދާންގެ ރައްޔިތުންނެވެ.

ރެޑް ސީ ސަރަޙައްދުގައި ހަނގުރާމައާއި އަސްކަރީ ކުރިމަތިލުންތައް ގަދަވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ސޫދާންއަށް ފޯރަންޖެހޭ އެހީގެ  ގިނަ ޝިޕްމަންޓްތަކަކަށް ވަނީ ބުރޫ އަރާފައެވެ. ސޫދާންއަކީ މިހާރުވެސް އިންތިހާ މާލީ ދަތިކަން ތަހައްމަލު ކުރަމުން ދާ ޤައުމަކަށް ވާ އިރު، އެހީގެ ސަޕްލައި ހީނަރުވުމަކީ، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކަށް ކުރިމަތިލާން ޖެހުނު އިތުރު ތަކުލީފެކެވެ. އަނެއްކާވެސް އިތުރު އެތައް މިލިއަން ބައެއް، ބަނޑަށް ޖެހުމުގެ އަނދަވަޅާ ގާތް ވީއެވެ.

ސޫދާންގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގާ އޭޖެންސީ ތަކަކީ ގޮންޖެހުންތަކަށް އައު ބައެއް ނޫނެވެ. ސަލާމަތާއި ރައްކާތެރިކަމެއް ނެތް މާޙައުލެއްގަ، އެކަށީގެންވާ މާލީ ތަނަވަސްކަމާ ނުލާ، ސިޔާސީ އެތައް ހުރަސްތަކަކާއެކުވެސް އެ އޭޖެންސީތަކުން ދިޔައީ ސޫދާންއަށް ބޭނުންވާ އެހީ ފޯރުކޮށްދެމުންނެވެ. ޙޫޘީންގެ ޙަމަލާތަކާއި، އޭގެ ރައްދުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރެޑް ސީ ސަރަޙައްދުގެ ދަތުރުފަތުރަށް އެރި ލޮޅުމުގެ މާ ކުރިންވެސް، އޭޖެންސީތަކުން ދިޔައީ މި ތަކުލީފުތައް އުފުލަމުންނެވެ.

ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް އާއި ދެމެދު މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުރަން ފެށީ ހަނގުރާމައާއެކު ސޫދާންގައި ޙާލުގައި ޖެހުނު އެތައް ހާސް ބަޔަކަށް އެހީ ފޯރުކޮށްދިނުމުގައި އެންމެ ސާބިތު ކަމާއެކު ދެމި އޮތް އެއް ޖަމާޢަތަކީ، ކޫޕަރަޒިއޯން އިންޓަރނޭޒަނައްލެ ނުވަތަ ކޫޕީއެވެ. ކޫޕީއަކީ ސޫދާންގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ  ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާތަކެއްގެ ތެރެއިން އެއް ޖަމާޢަތެވެ. ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސީދާ އަސަރު، ކޫޕީގެ މަސައްކަތްތަކަށް ދަނީ ފޯރަމުންނެވެ. އިންތިހާ ނާޒުކު ޙާލަތުގައި ތިބި އެތައް މިލިއަން ބަޔަކަށް ބޭނުން ޖެހިފައިވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދަނީވެސް އިޒްރޭލާ ހެދި ކަމަށް ދެންނެވުމަކުން ގޯހެއް ނެތެވެ.

ވަރަށްވެސް ދެރަ ކޮންމެއަކަސް. މާ ބޮޑު ތަފާތެއް ނެތް. އެހެން ގޮތަކަށް ބުނަންޏާ، ޙާލަތު ދަނީ ގޯހުން ގޯހަށް. އެހީގެ މޭރުމުން ބަލާއިރު ސަޕްލައި ޗޭނުތަކުން އަހަރެމެން މި ފޯރުކޮށްދޭ އެހީ ގެންދަންވެސް އޮތީ ވަރަށް ހަނި ފުރުޞަތެއް. ލޮޖިސްޓިކްސް ގޮންޖެހުންތަކެއްވެސް އެބަ ހުރި. އެހެންވީމަ، މިދިޔަ މަހަށް ވުރެ، މި މަހުގެ ޙާލު ގޯހޭ ބުނެވިދާނެ އަހަންނަށް.
އޯކެންގް އިމެނުއެލް؛ ކޫޕީ ސޫދާން މިޝަންގެ ވަގުތީ ވެރިޔާ

އޭޝިއާގެ ޤައުމުތަކުން އެހީ ހިފައިގެން ދަތުރު ކުރާ ބޯޓުފަހަރު، މެޑިޓަރޭނިއަން ކަނޑަށް ވަނުމަށްޓަކައި މިހާރު އެންމެ ފުރަތަމަ ޖެހެނީ އެފްރިކާ ބައްރު ވަށާ ދަތުރު ކޮށް، ސުއޭޒް ކެނޭލް ހުރަސް ކޮށް ރެޑް ސީ އާ ހިސާބަށް ދާށެވެ. ސޫދާންގެ ބަނދަރަށް ދެވެނީ އަދި އޭގެ ފަހުންނެވެ. މި ހުރިހާ ކަމަކަށް އެތައް ވަގުތަކާއި އެތައް ޚަރަދެއްވެސް ހިނގައެވެ.

ބޯޓުފަހަރާއި އެހީގެ ޝިޕްމަންޓް އަންނަތީ ފެންނަ މިންވަރަށް ދަށް މަދުވެއްޖެ. ދުވެލި ވަރަށް މަޑު، އެހާ ލަސް، އެހާ ޚަރަދު ބޮޑު. މުޅި ޤައުމަށް ފެތުރިފަ މިއޮތީ ބަރުދާސްތުކުރަން ދަތި ޙާލަތެއް.
މާލީ އަޙްމަދު އަލް-މުސްޠަފާ؛ ޓްރަކް ދުއްވާ މީހެއް

އެހީގެ ޝިޕްމަންޓް ލަސްވުމުގެ އަސަރުތައް، ސޫދާންގައި މުދާ އުފުލުމުގެ ޚިދުމަތް ދޭ ޓްރަކް ޑްރައިވަރުންގެ ދިރިއުޅުމަށްވެސް ދަނީ ފޯރަމުންނެވެ. އެހީގެ ގޮތުގައި ސޫދާންއަށް އެތެރެވޭ ޝިޕްމަންޓް، ބޮޑުތަނުން މަދުވެފައި ވާ ކަން، ޓްރަކް ދުއްވާ މީހުންވެސް ފާހަގަ ކުރެއެވެ.

ވަރަށް ބޮޑަށް އަސަރު ފޯރައިފި. މަސައްކަތަށް އަސަރު ފޯރާތާ މިހާރު ދެތިން މަހެއް ވެދާނެ. އެންމެ ފަހު ޝިޕްމަންޓް ޑެލިވަރ ކުރިތާވެސް މިހާރު 3 ހަފުތާ ވެދާނެ. މީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރުވާ ކަމެއް.
ޢަބްދުއްރަޙްމާން އަލް-ޞާދިޤު؛ ޓްރަކް ދުއްވާ މީހެއް

ޔަމަނުގެ އައްސޭރިފަށުގެ ސަރަޙައްދުން ދަތުރު ނުކޮށް ވޭތޯ ބެލުމަށް، އެހީގެ ކުދި ޝިޕްމަންޓްތައް އެކުވެރި ޢަރަބި ޢިމާރާތުގެ ބަނދަރުތަކުން ހުއްޓުވާ، ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ހުރަސްކޮށް ސޫދާންއަށް އެތެރެ ކުރެއެވެ.

އެހީގެ އިތުރު ޝިޕްމަންޓްތައް ސޫދާންއަށް އެތެރެ ކުރަނީ ކެންޏާ މަގުން ކުރާ ވައިގެ ދަތުރުތަކާއި، މިޞްރު ބޯޑަރުން ކުރާ އެއްގަމު ދަތުރުތަކުންނެވެ.

މިދިޔަ ރަމަޟާން މަހު ސޫދާންގައި ކުރަން ފެށި ހަނގުރާމައަށް އަހަރެއް ވާން ގާތްވެފައި ވާ އިރު، މިއިން ދުވަހަކު ސުލްޙަ ވެދާނެ ކަމުގެ އަލިމަގެއް ފެންނާކަށް ނެތެވެ. ނުވިތާކަށް އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމު މަޑުޖައްސާލެނެ ކަމުގެ އިޝާރާތެއްވެސް ނުލިބެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް