އެމެރިކާ އިން ރަޝިއާ އަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް ކަމަށް ރަޝިއާ އިން ބުނެފިއެވެ.
ރަޝިއާގެ ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް މިހެން ވިދާޅުވިއިރު ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އިން ފާސްކުރި ބިލު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަސްދީގު ކުރައްވާފައެވެ.
ބޮޑު ވަޒީރު މެޑްވެޑޭވް އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެމެރިކާގެ އާ ސަރުކާރާ އެކީ އޮތް ގުޅުން ރަނގަޅު ކުރުމަށް އޮތް އުންމީދު ފަނޑުވީ ކަމަށެވެ. އިތުރަށް މެޑްވެޑޭވް ވިދާޅުވީ ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރެއްވުމަަކީ އެމަނިކުފާނުގެ ނާގާބިލުކަން އަންގައިދޭ ކަމެއް ކަމަށާއި އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ރައީސް ޓްރަމްޕް ފަޟީހަތް ކޮށްފައިވާ ކަަމަށެވެ.
ޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން، ރައީސް ޓްރަމްޕް ރަޝިއާއާ ދެކޮޅަަށް އަޅާ ނުވަތަ އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ބޭނުން ނަމަ ދެން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަންށެވެ.
ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. ރަޝިއާއާ ދެކޮޅަށް ކުރެވޭ އެންމެހާ ތުހުމަތުތައް އެގައުމުން ދޮގުކުރެއެވެ.
އަންގާރަ ދުވަހު، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ އޭނާ އާއި އަދި ރައީސް ޓްރަމްޕް ވެސް ބިލާ މެދު "އެހާ ހިތްހަމަ ނުޖެހޭ" ކަމަަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލާ ގުޅިގެން، ގާނޫނަކަށް ނުވެސް ވަނީސް ރަޝިއާ އިން ވަނީ ރައްދު ދޭން ފަށާފައެވެ. އެގޮތުން ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން ވަނީ އަންގަވާފައެވެ.