އެންޖެލީނާ ޖޯލީގެ "ފަސްޓް ދޭ ކިލްޑް މައި ފާދަރ: އަ ޑޯޓަރ އޮފް ކެމްބޯޑީއާ ރިމެމްބަރޒް" ފިލްމްގެ ކާސްޓިންގގައި ކުޑަކުދިންނަށް އިހާނަތިކޮށް ހިތާފައިވާކަމުގެ ތުހުމަތުތަކަށް އޭނާ ރައްދުދީފިއެވެ.
ވެނިޓީ ފެއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމްގެ މައި ރޯލް ކާސްޓް ކުރުމުގައި ކާސްޓިންގ ޑައިރެކްޓަރުން ވަނީ ޒާތެއްގެ ގޭމެއް ކުޅެފައެވެ. އެގޮތުން ހިތާމަވެރި ހާލަތްތައް ކުރިމަތިވެފައިވާ ކުދިން ހޯދުމަށްފަހު އެމީހުން ކުޅުނު ގޭމަކީ "މޭޒެއް މަތީގައި ފައިސާ ބޭއްވުމަށްފަހު ފައިސާ ބޭނުންވާ ކަމެއް ވިސްނުމަށް ފަހު އެ ކުދިންކައިރީ ފައިސާ ނެގުމަށް ބުނެ، ފައިސާ ނެގުމަށް ފަހު އެ ކުދިންކައިރީ ދޮގެއް ހަދަން ވަނީ ބުނެފައި"ކަމަށް ރިޕޯޓްތަކުގައިވެއެވެ.
ރޯލް ކުޅެން ހޮވުނު ސެރިއަމް ސްރޭ މޮކް އަކީ ފައިސާއަށް "އެންމެ ގިނަ ވަގުތު ބަލަން އިން ކުއްޖާ"ކަމަށާއި އަނބުރާދޭން ޖެހުމުން ވަރަށް ހިތާމަ ކުރިކަމަށާއި ފައިސާ ބޭނުންވި ސަބަބުން ފަހުން އެހުމުން "ކާފައަށް ރަނގަޅު ޖަނާޒާއަށް ބޭއްވުމަށް އާއިލާއަތުގައި ފައިސާ ނެތްކަމަށް އޭނާ ބުނި"ކަމަށް އެންޖަލީނާ ބުނެފައިވާ ވެނިޓީ ފެއާގައި ބުނެފައިވެއެވެ.
ހަފިންގޓަން ޕޯސްޓަށް ދިން ބަޔާނެއްގައި އެންޖެލީނާ ބުނީ، އެ ކުދިންގެ ސާލަމަތާއި، ހިތްހަމަ ޖެހުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށާއި އެޮޑިޝަން ގޭމަކީ ފިލްމްގެ މަންޒަރަކާ ގުޅުވައިގެން ރާވައިފައިވާ ގޭމެއްކަމަށެވެ.
މީގެ އިތުރުން، ގޭމް ކުޅުމުގައި އަސްލު ފައިސާ ބޭނުންކޮށްފައި ނުވާނެކަމަށާއި، އޮޑިޝަން އަދި ފިލްމް ކުރުމުގެ ޕްރޮސެސްގައިވެސް ކުދިންގެ މައިންބަފައިން، ބަލަދުވެރިން، މަދަނީ ޖަމިއްޔާތައް އަދި ޑޮކްޓަރުން ހަރަކާތްތެރިވެފައިވާކަމަށެވެ.
"ފިލްމްގެ މަންޒަރަކަށް ބިނާކޮށްފައިވާ އިމްޕްރޮވައިޒޭޝަން އެކްސަސައިޒްއެއް އަސްލު ހަގީގަތަކަށް ހަދާފައިވާތީ ވަރަށް ދެރަވެއްޖެ. އަސްލު ފައިސާ ބޭނުންކޮށް ކުދިންނަށް ދީ އަތުލާފައިވާ ވާހަކައަކީ ދޮގެއް، އަދި ހިތާމަ ކުރާ ވާހަކައެއް. މިހެން ކަންތައްވިނަމަ އަމިއްލަ މީހާ ދެކެ ވަރަށް ރުޅިއައީސް،" އެންޖެލީނާ ބުންޏެވެ.
ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ފަސްޓް ދޭ ކިލްޑް މައި ފާދަރ: އަ ޑޯޓަރ އޮފް ކެމްބޯޑީއާ ރިމެމްބަރޒް" އަކީ ކެމްބޯޑިއާގެ ލިޔުންތެރިއެއްކަމަށްވާ ލުޔުންގް އުންގގެ ހަޔާތަށް ބިނާކޮށް އޭނާ ލިޔެފައިވާ ވާހަކައެކެެވެ. 2000 ވަނަ އަހަރު ރިލީޒްކޮށްފައިވާ މި ފޮތަށް ބިނާކޮށްފައިވާ ފިލްމަަކީ ނެޓްފްލިކްސްގެ ފިލްމެކެވެ. ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގައެވެ.
"ފިލްމަކީ ހުޔުންގްގެ ވާހަކަ. މިއީ ކުޑަ ކުއްޖެއްގެ ނަޒަރުން ހަނގުރާމަ ދައްކައިދޭ ވާހަކައެއް، އެކައުމުގެ ގައުމެއްގެ ވާހަކަވެސްމެ،" އެންޖެލީނާ ބުނެފައިވެއެވެ.
މި ފިލްމަކީ އދ.ގެ ހައި ކޮމިޝަނަރ ފޯރ ރެފިއުޖީސްގެ ހާއްސަ މަންދޫބެއް ކަމަށް އެންޖެލީނާ ޑައިރެކްޓް ކުރި ހަތަރު ވަނަ ފިލްމެވެ.