ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަގަޅުކަމެއް ނޫންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެކްސްގައި އޭނާގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އުޝާމް އެފަދައިން ވިދާޅުވެފައި މި ވަނީ ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ޤާނޫނީ ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.
އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ދެކިވަޑައިގަންވާ ގޮތުގައި ޤާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓުންވެސް ނިންމެވީ އެފަދައިން ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީގޮތުން ސުވާލު އުފެދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 5 ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފާއިވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސަށް ގާނޫނީ ލަފާ ދިނުމުގައިވެސް ބަލާނީ އެކަންކަމަށް ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް އެހެން ވިދާޅުވި ނަމަވެސް މަޖިލީހުން ޤާނޫނު އަސާސީ އާއި ޚިލާފުވެފައި ނުވާ ކަމަށް މަޖިލީހުގެ މެމްބަރުން ފާހަގަކުރައްވައެވެ. އަދި ސަރުކާރުން މަޖިލީހުގެ ހިންގުމަށް ނުފޫޒު ފޯރާ ގޮތަށް އަދި މަޖިލީހުގެ ބާރު ކަނޑުވާލާކަމަށް ފާހަގަކޮށް މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.