ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 12:36
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު
ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ވަރަށް ބުރަކޮށް އެބަކުރޭ: އީސަ
 
ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތުގައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިނުވާ ފަރާތްތަކުގެ ވަޒީފާ ދަށްކުރާނެކަމުގެ އިންޒާރު ދެމުންދާކަމަށް އީސަ ވިދާޅުވި
 
ސިޔާސީ މަޤާމުތަކުގައި ތިއްބެވި ތިން ސެޓޭޓް މިނިސްޓަރުންނަށް އަދިވެސް ބޮޑުމުސާރަ ލިބޭކަމަށާއި ސަސްޕެންޝަނަށް ގާތްގަނޑަކަށް ދެމަސް ދުވަސް ވެއްޖެކަމަށް އީސަ ވިދާޅުވި

ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުންދާކަމަށް އެމްޑީޕީގެ "މިސްރާބު ހަަމަމަގަށް" ކެމްޕެއިން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ ވިދާޅުވެއްޖެއެވެ.

މެންބަރު އީސަ މިގޮތަށް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތުގައި ކެމްޕެއިނަށް ނުކުތުމާއި އަދި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމާއި އެކަންކަން ނުކުރާނަމަ ވަޒީފާ ދަށްކުރާނެކަމުގެ އިންޒާރު ދެމުންދާކަމަށެވެ. އަދި ހަމައެއާއެކު އެފަދަ މުވައްޒަފުން ދުރު އަތޮޅުތަކަށް ޓްރާންސްފަރ ކުރާނެ ކަމުގެ އިންޒާރުވެސް ދެމުންދާކަމަށް މެންބަރު އީސަ ވިދާޅުވިއެެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުގެ ފަހަތުގައި ކެމްޕެއިނަށް ނުކުތުން، ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުން، އެކަންކަން ނުކުރާނަމަ ވަޒީފާ ދަށްކުރާނެކަމުގެ އިންޒާރު އެބަދޭ. ދުރު އަތޮޅުތަކަށް ޓްރާންސްފާ ކުރާނެ ކަމުގެ އިންޒާރު އެބަދޭ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ

އަދި ހަމައެއާއެކު މެންބަރު އީސަ އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ އިންޒާރުތަކަށް ނުގުޑާ މީހުން ވަޒީފާއިންވެސް ވަކިކުރަމުން ގެންދާކަމަށާއި އެގޮތުން ރަށެއްގެ ސްޓޭޝަނެއްގެ މެނޭޖަރެއްގެ ވަޒީފާ ދަށްކުރުމަށްފަހު އެއްމަސްދުވަސް ވަންދެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށް ބަހައްޓާފައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މިއަދުވެސް މިވަގުތުވެސް ސޯޝަލް މީޑިއާގައި އެބައޮތް ރަށެއްގެ ސްޓޭޝަން މެނޭޖަރަކު އޭނާ ޑީމޯޓުކޮށްފައި ފުރަތަމަ، އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ގޯސްނޫން ކަމަށްވަންޏާ ވަޒީފާ ދަށްކުރީ، ދަށްކޮށްފައި އެއްމަސްދުވަސް ވަންދެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފަ ބަހައްޓާފައި ވަޒީފާއިން ވަކިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ

ނަމަވެސް ސިޔާސީ މަޤާމުތަކުގައި ތިއްބެވި ތިން ސެޓޭޓް މިނިސްޓަރަކު ބޮޑުމުސާރަ ލިބޭގޮތަށް ސަސްޕެންޑުކުރިފަހުން ގާތްގަނޑަކަށް ދެމަސްދުވަސް ވެއްޖެކަމަށާއި އެ ބޭފުޅުން ލައްވައި ކެމްޕެއިން އޮފީސް ހިންގުމުގެ މަސައްކަތް ކުރުވަމުންދާކަމަށް މެންބަރު އީސަ ވިދާޅުވިއެވެ.

އެހެންކަމުން ދަޢުލަތުގެ މުދަލާއި ފައިސާއަށްވެސް އަދުގެ ސަރުކާރުން ޚިޔާނާތްތެރިވަމުންދާޮ ކަމަށާއި އަދި ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން މަޤާމުގެ ނުފޫޒުގެ ބޭނުންކުރައްވައިގެން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މުވައްޒަފުންނަށް ބިރުދައްކާ، ޤާނޫނު އަސާސީގެ ރޫހާ ހިލާފަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވައިގެން މަޖިލީހުގެ ގޮނޑިތަކެއް ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް މެންބަރު އީސަ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި އިސް ވަފުދަކާ އެއްކޮށް ކުރައްވާ ދަތުރުފުޅަކީ ސީދާ ކެމްޕެއިންއާ ގުޅުންހުރި ދަތުރުފުޅުތަކެއް ކަމަށާއި ރަށްރަށަށް ވަޑައިގެން ރައީސް މުއިއްޒު ތަކުރާރުކޮށް ދައްކަވަނީ ސިޔާސީ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކަތަކާއި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ހޯދާ ވާހަކަތައް ކަމަށް ވިދާޅުވެ، މެންބަރު އީސަ އަދުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް