ވައުދު ވެވަޑައިގެންނެވިގޮތަށް ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮމަންޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގާތާ އެތައް އަހަރެއްވެފައި ވީނަމަވެސް ރައްޔިތުން އެދޭފެންވަރުގައި އެރަށަށް ތަރައްގީ ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ރަށުގެ ބިން ފުރިފައިވުމާއެކު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު އަންނަންޖެހޭކަމަށާއި، ބަންދަރާ ގުޅިފައިވާ އެކި މަސައްކަތްތަކާއި، ފެނާއިނަރުދަމާ މަޝްރޫއުގައި ހައްލުކުރަން ހުރި ކަންކަމާއި އަދި މި ނޫންވެސް އެރަށުގެ ތަރައްގީއަށް ކުރިއަށްދާ އަދި ކުރަންހުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސްވަނީ ހުރިހާ މަޝްރޫއެއް ފުރިހަމަކޮށްދެއްވައި އެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫއުވެސް މި ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުން އެމަޝްރޫއަށް ބަދަލުތަކެއް ގެންނަން އެދޭނަމަ އެބަދަލުތަކަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަބަދާއަބަދު ކަންކަން ވުމުގެ އުންމީދުގައި ތިބުމުގެ ބަދަލުގައި މިސަރުކާރުން ކަންކަން ނިންމައިދީ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.