ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 14:37
މެންބަރު ރޮޒައިނާ ފިރިކަލުން މެންބަރު ނާޝިޒާއެކު މަޖިލީހަށް ދިޔަ މަގުމަތީގައި މުޒާހަރާކުރި މީހުން އޭނާއަށް ފުރައްސާރަކުރަނީ
މެންބަރު ރޮޒައިނާ ފިރިކަލުން މެންބަރު ނާޝިޒާއެކު މަޖިލީހަށް ދިޔަ މަގުމަތީގައި މުޒާހަރާކުރި މީހުން އޭނާއަށް ފުރައްސާރަކުރަނީ
ރާއްޖެއެމްވީ
މަޖިލިސް ދޮށުގައި ހިންގި ހަމަނުޖެހުން
އެސްއޯ އަދި ފްރަންޓްލައިން ފުލުހުން ތިއްބާ މެންބަރު ރޮޒައިނާ ގައިގައި އަތްލި މައްސަލައިގައި ފުލުހުންގެ ސާފު ޖަވާބެއް ނެތް!
 
ފުލުހުން ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ނަމަވެސް ބެރިކޭޑް ފާޅާލާ މީހުން ވަންނަން އުޅުނު
 
ފުލުހުން ބުނެފައިވަނީ މަޖިލީހަށް ވަންނަން އަންނަ އިރު ބެރިކޭޑް ބޭރުން މީހުން އެއްޗެއް ބުނެދާނެ ކަމަށް

ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭ މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ވަންނަން ދިޔަ ގަޑީގައި އޭނާގެ ގައިގައި މީހަކު އަތްލާފައިވަނީ އެސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، އެސްއޯ ފުލުހުންނާއި ފްރަންޓްލައިން ފުލުހުން ތިއްބާ ކަމަށާއި، ރޮޒައިނާ ގައިގައި އަތްލާން މުޒާހަރާގެ ބައިވެރިންނަށް ފުރުސަތު ލިބުނީ އެހެން އައުމުން ކަމަށް ފުލުހުން ބުނެފިއެވެ.

28 ވަނަ ދުވަހު މަޖިލިސް ކައިރިއަށް މީހުން އެއްވެ މުޒާހަރާކޮށް އަމާންނަގާލި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތައް ހާޒިރުކުރި 241 ކޮމިޓީގައި މެންބަރު މުހައްމަދު ނާޝިޒުވަނީ މުޒާހަރާގެ ބައިވެރިންގެ ގޮތުގައި ތިބީ ކޮންބައެއްތޯ އައްސަވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މަޖިލީހަށް ފޮނުވި ސިޓީގައި އެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތު ހުންނާނެ ކަމަށެވެ. އެއީ ކޮން ބައެއްކަމެއް ކޮމިޝަނަރު ހާމައެއް ނުކުރެއްވިއެވެ.

މީގެ އިތުރުން އެދުވަހު އެތަނަށް އެއްވި މީހުންނަކީ ކޮންބައެއްކަން ނޭނގުނު ހިސާބުން އަދި އެތަނުގައި މަސްލަހަތު ގެއްލޭ ހިސާބަށް ދިއުމުން އެސްއޯ ފުލުހުން އެތަނަށް ފޮނުވައިގެން އެތަނުން މީހުން ފޮނުވާލުމުގެ މަސައްކަތް ކުރި ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ދުވާލުގެ ވަގުތު ސުލްހަވެރިކަމާއެކު މުޒާހަރާކުރި ނަމަވެސް އެދުވަހުގެ ހެނދުނު މަސްލަހަތު ގެއްލޭ ކަންކަން ކޮށްފައިވާތީ ރޭގަނޑު ބޭއްވި އެއްވުމުގައި އެ ފުރުސަތު ނުދީ އެ އިންތިޒާމް ހަމަޖައްސައިގެން ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރުގެ މި ވާހަކައާއި ގުޅިގެން މެންބަރު ނާޝިޒު ވަނީ އިތުރު ސުވާލުކުރައްވާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނަކީ ސަރުކާރަށް ނިސްބަތްވާ ބައެއްތޯ ނުވަތަ ނޫންތޯ ފާހަގަކުރެވުނު ކަަމަށާއި، އެތަން ބެރިކޭޑްކޮށް މެންބަރުންނަށް ސަލާމަތުން މަޖިލީހަށް އާދެވޭނެ ގޮތަށް ހަމަޖެއްސި ކަމަށް ވިދާޅުވި އިރު، އޭނާ އަކީ އެތަނުން ސައިކަލުގައި މަޖިލީހަށް ވަޑައިގެންނެވި މީހެއް ކަމަށާއި، ނަމަވެސް ކުރިމަތިންނާއި، ފަހަތުންނާއި އަރިމަތިން އެތަނުގައި ތިބި މީހުން އަރައިގެން އިރު އެތަނުގައި ފުލުހުން ތިބި ކަމަށް ނާޝިޒު ވިދާޅުވިއެވެ.

އަދި ގަޔަށް އަތްލާ ހިސާބަށް ދިޔާއީ ކީއްވެގެންތޯ އާއި އެތަނުގައި ވިއްސަކަށް ފުލުހުން ތިބި އިރު މަޖިލީހަށް ވަންނަން ޖެހުނީ ބިރުވެރިކަމެއްގެ ތެރެއިން ކަމަށާއި، ގަޔަށް ބޮލަށް އަތްލާ ހިސާބަށް ދިޔަ ކަމުން، އެކަން އެހިސާބަށް ދިޔައީ ކީއްވެެގެންތޯ މެންބަރު ނާޝިޒު ވަނީ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ ސެކިއުރިޓީ ހަމަޖެއްސުމަށްޓަކައި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވާނެ ކަމަށާއި، ފްރަންޓްލައިން ޕޮލިހުންނާއި، އެސްއޯ ފުލުހުން ބޭނުންކޮށްފައިވާނެ ކަމަށެވެ.

ބެރިކޭޑުގެ ބޭރުން އާންމު ރައްޔިތުންނަށް ބެރިކޭޑް ކުރެވިފައިވާ ސަރަހައްދަށް ނުވަދެވޭގޮތަށް ބަލަހައްޓާފައިވާނެ. އެ ސަރަހައްދުން ބޭރުން މަޖިލިސް އިދާރާއަށް ވަންނަން އައި ފަރާތަކަށް ތާށިވެފައި ތިބި މީހުންގެ ތެރެއިން ދާކަމުގައިވާނަމަ ފަހަރެއްގައި ކަމެއް ހިނގާފާނެތީ އެ ސަރަހައްދުގައި ހަރަކާތެތެރިވި ޓީމްތަކުން ތައްޔާރަށް ތިބި. އެ ހާދިސާ ހިނގި ވަގުތުގައި ޓީމްތަކުން އެޓެންޑްވެ މަޖިލީހަށް އަންނަން ތިބި މެންބަރުންނަށް ފުރުސަތު ފޯރުކޮށްދެމުންދިޔަ ކަމަށެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް

މުޒާހަރާއަށް އެއްވީ ކޮންބައެއްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ 28 ވަނަ ދުވަހުގެ ހެނދުނު މަޖިލިސް ކައިރިއަށް މުޒާހަރާކުރަން އެއްވި މީހުންގެ ތެރޭގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ސަރުކާރަށް ނިސްބަތްވާ އެކިއެކި ފަރާތްތައް ތިބި ކަމަށެވެ. އަދި ބެރިކޭޑް ޖަހާ ރޭނގަނޑު މުޒާހަރާކުރި އިރު ތިބީ ކޮންބައެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ކުރިން ހުއްދަ ނެގުމަކާއި ނުލާ އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި ކަމަށާއި، އެނޫންތަނެއްގައި އެއްވުން ބާއްވާނަމަ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަދި ގާނޫނަކުންވެސް ފުރުސަތެއްވެސް ނުދޭ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މަޖިލިސް ކައިރީގައި އެއްވެއުޅުމުގެ ފުރުސަތެއް ނުދެވޭނެކަމަށާއި، އެހެންނަމަވެސް ރާއްޖެ ހިނގަމުންދަނީ ޑޮމޮކްރަޓިކް އުސޫލުތަކާއެއްގޮތަށް ކަމުގައިވާތީ، ސުލްހަވެރިކަމާއެކު، ހަމަނުޖެހުމެއް އަދި ބަޔަކަށް ގެއްލުން ނުވާނެ ގޮތަށް އެ ފުރުސަތު މީގެ ކުރިން ދެމުން އައިސްފައިވާ ކަމަށާއި، 28 ވަނަ ދުވަހުވެސް އެ ފުރުސަތު ދެވުނު ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ 28 ވަނަ ދުވަހުގެ މުޒާހަރާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ހިމެނޭ ބައެއް މައުލޫމާތުތައް ކޮމިޓީއާއި ހިއްސާކުރަން ހަމަޖެހިފައިވާތީ ބައްދަލުވުން ސިއްރުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމާމެދު ކޮމިޓީ މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ފަހުބައި ވަނީ ސިއްރުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް