ޕީއެންސީގެ އެތެރޭގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލުމުން، ޕީއެންސީގެ ކެންޑިޑޭޓާ ދެކޮޅަށް އަމިއްލަ ގޮތުން ނުކުތް ޕީޕީއެމްގެ ސިޔާސީ އެކްޓިވިސްޓް އަދި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލްއަށް ނައިބު ވަޒީރުކަމުގެ މަގާމު ދީފިއެވެ.
ނަބީލް ނިސްބަތްވާ ށ. ފީވައް ހިމެނޭ މިލަންދޫ ދާއިރާއަށް ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ނަބީލް ވާދަކުރެއްވި ނަމަވެސް ކުރި ހޯއްދެވީ ޙަސަން މުފީދު އަބްދުލްޤާދިރުއެވެ. އެ އިންތިހާބަށް ފަހު, އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރާނެ ކަން ނަބީލް އިއުލާންކުރިއެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހު ނަބީލު މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާންކުރަމުން ބުނީ، އިންތިހާބުން މޮޅުވާނީ ރައްޔިތުންގެ ސާފު ވޯޓުން ކަމަށެވެ. އެނގިފައިވާ ގޮތުގައި ނަބީލް އަމިއްލަ ގޮތުން ވާދަކުރަން އޭރު ނިންމީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދާ އެކުއެވެ. އަދި އެކަމުގެ ތެރެއިން އޭނާގެ ކެންޑިޑެންސީ ވެސް އީސީއަށް ނަބީލު ހުށަހެޅިއެވެ.
އެހެން ނަމަވެސް މި މަހުގެ 19 ވަނަ ދުވަހު މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ނަބީލް ބުނީ، އަމިއްލަ ގޮތުން ވާދަކޮށްފިނަމަ ދާއިރާގެ ވޯޓުތައް ބައިބައިވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން ސަރުކާރުން އެންޑޯޒުކުރާ ކެންޑިޑޭޓް، ހަސަންގެ ފަހަތަށް އެރުމަށް ނިންމާފައިވާ ކަމަށެވެ.
ނައިބު ވަޒީރުކަމުގެ މަގާމަށް އައްޔަނުކުރެވުނު ކަން ނަބީލު އިއުލާންކޮށްފައިވަނީ އޭގެ ދެތިން ދުވަސް ފަހުންނެވެ.
ނަބީލަށް ނައިބު ވަޒީރުގެ މަގާމު ދީފައިވާއިރު، މުހިންމު ސަބަބެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރައްވާނެ ކަމަށް މަޖިލިސްގެ ދައުރު ފެށުމަށް ބޭއްވި ޖަލްސާގެ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ސިޔާސީ އެކި މަގާމުތަކަށް ބޭފުޅުން ދަނީ އައްޔަނުކުރައްވަމުންނެވެ. އޭގެ ތެރެއިން ނަބީލު ފަދައިން ސަރުކާރުން އެންޑޯޒުކުރާ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނަ ބައެއް ފަރާތްތަކަށް ބޮޑެތި މަގާމުތައް ދަނީ ދެއްވަމުންނެވެ.