ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 22:41
ފެނަކަ ފީއަލީ ބްރާންޗުގެ އޮފީސް
ފެނަކަ ފީއަލީ ބްރާންޗުގެ އޮފީސް
ރާއްޖެ އެމްވީ
ފެނަކަ
ފީއަލީ ފެނަކަ ބްރާންޗުގެ މުވައްޒަފުންނަށް، ހިންގުމާ ހަވާލުވެ ހުރި ފަރާތުން ބިރު ދައްކާ ކަމުގެ ތުހުމަތު!
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން މުވައްޒަފުންނަށް ބިރު ދައްކަމުން އަންނަ ކަމުގެ ވާހަކަ ވަނީ ބޮޑުވެފައި

ފ،ފީއަލީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުންނަށް، އެ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު އަޙުމަދު ޒާހިރު ބިރު ދައްކާ ކަމަށް އެ މުވައްޒަފުން ބުނެފި އެވެ.

އޭގެ ތެރެއިން "ރާއްޖެ އެމްވީ"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ، އަންގާރަ ދުވަހު ވަކި ވަކި މުވައްޒަފުންނާ މެނޭޖަރު، ވަކިން ބައްދަލު ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުކުރުމަށްފަހު ވަނީ، ވަޒީފާގެ ބިރު ދައްކާފައި ކަމަށް ވެސް އެ މުވައްޒަފުން ބުނެ އެވެ. އައު ސަރުކާރާއެކު ފީއަލީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރުގެ މަޤާމަށް ޒާހިރު ހަމަޖައްސައި، ބްރާންޗުގެ ހިންގުން ވަނީ އޭނާއާ ހަވާލު ކޮށްފައެވެ.

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފީއަލީ ހިމެނޭ ބިލެތްދޫ ދާއިރާ އަށް ވާދަކުރާ އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި ނޫޅުމަށް އަންގާފައިވާ ކަމަށް އެ މުވައްޒަފުން ބުނެ އެވެ. ވަޒީފާގައި ދެމި ތިބެން ބޭނުންވާނަމަ، އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ނުނިކުމެ، ގޭގައި ތިބުމަށް މެނޭޖަރު އަންގާފައިވާ ކަމަށް ވެސް އެ މުވައްޒަފުން ވަނީ ބުނެފައެވެ. ހަމައެހެންމެ، އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ވެސް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

ވަކި ވަކިން މުވައްޒަފުން ގެންގޮސްފައި މި ބުނަނީ، ވަޒީފާ ބޭނުންވާނަމަ، އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ނުގޮސް، ގޭގައި މަޑު ކޮށްލާށޭ. އަދި ވަޒީފާގައި ދެމި ހުންނަން ބޭނުންވާ ނަމަ، އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ނުދޭން ވެސް އެންގި.
ފީއަލީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފެއް

ބިލެތްދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރަކަށް ހުރި، އަޙުމަދު ޙަލީމް (ދޮންބިލެތް) އެވެ. ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވާދަކުރަނީ، ފ.ބިލެތްދޫ ކައުންސިލް ރައީސްކަމުގައި ހުރި އަޙުމަދު އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން މުވައްޒަފުންނަށް ބިރު ދައްކަމުން އަންނަ ކަމުގެ ވާހަކަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ކަންބޮޑުވުން މުވައްޒަފުންނާއި، އާންމުން ވެސް އަންނަނީ ފާޅު ކުރަމުންނެވެ. މުވައްޒަފުންގެ ތެރެއިން ބައެއް ފަރާތްތައް ވަނީ ވަޒީފާ އިން ވަކި ވެސް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް