މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ސަރުކާރު ކެނޑިޑޭޓުން ޕްރޮމޯޓްކޮށް "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހިއްސާކުރި މައްސަލައިގައި ޒިންމާ ނެގުމުގެ ބަދަލުގައި އެ ޓްވީޓް ކުރި މީހާ ގޯސްވާގޮތަށް މިފްކޯ އިން ވާހަކަދައްކައިފިއެވެ.
މިފްކޯ އިން ކެނޑިޑޭޓުން ޕްރޮމޯޓްކޮށް 5 ޕޯސްޓެއް ކޮށްފައިވެއެވެ. މި މައްސަލަ އާއި ގުޅޭގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މިފްކޯގެ ސިީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަނީ މިފްކޯއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓުކުރަނީ ނޫންކަމަށާއި އެއީ ޕްރޮޑަކްޓު ޕްރޮމޯޓްކުރުން ކަމަށް އެނާ ވަނީ ސިފަކުރައްވާފައެވެ. މިފްކޯ އިން ވަނީ ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔުމުގެ ގޮތުން "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހަދިޔާކޮށްފައެވެ. އަދި މި ފޮށި ހަދިޔާކުރާ މަންޒަރު ފެންނަ ފޮޓޯ ވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ކަމަށް އާއްމުންގެ ފާޑުކިޔުން ރައްދުވުމުން މިފްކޯ އިން ވަނީ އެ މަންޒަރުތައް ޑިލީޓްކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ޝަމާހު ވަނީ އެ ޓްވީޓް ކުރީ ހުއްދަ ނުހޯދާ ކަމަށާއި އެކަން ތަކުރާރު ނުވާނެ ގޮތަކަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޓްވީޓް ކުރިކަން އެނގުނީ އޭނާ އަށް އެކަމާއި ގުޅޭ ފޯންކޯލްތައް އަންނަން ފެށުމުން ކަމަށާއި ޓްވީޓް ޑިލީޓްކުރީ އޭނާ އަންގައިގެން ކަމަށް ޝަމާހު ވިދާޅުވިއެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ ވިދާޅުވީ އެކަން ކުރީ ސިޔާސި ނުފޫޒެއްގައި ކަމެއް ހާސިލްކުރުމުގެ ގޮތުން ނޫން ކަަމަށާއި އެކަން ހިނގާފައި ވަނީ އާއްމު އުސޫލެއްގެ ގޮތުން ކަންކަން ކުރަމުންދާ ގޮތަށް ކަމަށެވެ. އެކަން ކުރީ މާކެޓިން މަރުހަލާގެ ތެރެއިން ކަމަށާއި އެއީ ޒަމާނުއްސުރެ އޮތް ސަޤާފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެ ކުރީކޮޅު ވަރަށް ގިނަ މީހުން މިފްކޯގެ ސީއޯ އާއި ބައްދަލުކުރަން އެދެމުން ދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީސްމީޑިއާގައި ދައުރުވި ފޮޓޯ އަކީ އެޕްރޫވަލް ނުވަތަ ހުއްދަ ހޯދުމަކާއި ނުލާ ޓްވީޓް ކުރި ފޮޓޯ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި މެދު ފިޔަވަޅު އަޅާ އެ ޓްވީޓް މީސްމީޑިއާ އިން އުނިކޮށްފައިވާ ކަމަށާއި އެކަން ދެން ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީސީބީގެ ރައީސް ހަމްދީ އަޤީލް ވިދާޅުވީ މި މައްސަލައިގައި ސުވާލުކުރުމުން މިފްކޯ އިން ދިން ޖަވާބަކި މަޖިލީހުގައި ވެސް ދީފައިވާ ޖަވާބު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯގެ މި އަމަލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން މި ފަސް ޕޯސްޓް މިފްކޯއިން ވަނީ ޑިލިޓް ކޮށްލާފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންތަކެއް މިހެން ޕްރޮމޯޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާފައިވާ ބައެއް އާއްމު ރައްޔިތުން ބުނެފައިވެއެވެ. އަދި މަސްވެރިންނަށް ރުފިޔާ ނުދެވޭއިރު، މިފަދަކަންކަން މިފްކޯއިން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.