އިންޑިއާގައި ކުރިއަށް ދިޔަ ކެރަމް މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އިސްމާއީލް އަޒްމީން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
އިންޑިއާގެ މުމްބާއީގައި މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، 16 ވަނަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތަކީ، މަހާރަޝްތްރާ އޯޕެން ކެރަމް ޗެލެންޖާސް ޓްރޮފީ 2024 އެވެ. މިއީ ހުރިހާ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި ރާއްޖެ އިން ޖުމުލަ އަށް ކުޅުންތެރިޔަކު ބައިވެރިވީއިރު، އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ އަޒްމީން އެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި އަޒްމީން ވާދަކޮށްފައި ވަނީ ބާލާސާހެބް ކަނުކާލޭއާ އެވެ. ފުރަތަމަ ބުރުގެ މެޗު އަޒްމީން ކާމިޔާބު ކުރީ ސީދާ ދެ ސެޓުން، 23-1 އަދި 23-1 އިންނެވެ. ދެ ވަނަ ބުރުގައި ސަންޖޭ މޮހީތުއާ ވާދަކޮށް އަޒްމީން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. އެއީ 23-16، 18-25 އަދި 25-0 އިންނެވެ. ތިން ވަނަ ބުރުގެ މެޗު ވެސް އަަޒްމީން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މުޖީބް ޝައިޚްއާ ވާދަކޮށް އަޒްމީން ސެޓުތައް ހޯދީ، 15-14 އަދި 17-2 އިންނެވެ.
ހަތަރު ވަނަ ބުރުގައި އަޒްމީން ވާދަކުރީ އަމޯލް ސަވާދެކާ އެވެ. އޭނާއާ ވާދަކޮށް އަޒްމީން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. އެއީ 20-13، 3-21 އަދި 23-0 އިންނެވެ. ފަސް ވަނަ ބުރުގައި އަޒްމީން ނިކުތީ، ޖަލާލުއްދީން މުލާއާ ދެކޮޅަށެވެ. މި ބުރުގެ މެޗުގައި އަޒްމީން ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ. އެއީ 18-2 އަދި 18-2 އިންނެވެ.
މި މުބާރާތުގައި ޖުމުލަ ވަނީ 500 އަށް ވުރެ ކެރަމް ކުޅުންތެރިން ވާދަކޮށްފަ އެވެ.