ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 18:45
އާދަމް އާޒިމް ، މާލޭސިޓީގެ މޭޔަރ
އާދަމް އާޒިމް ، މާލޭސިޓީގެ މޭޔަރ
އެމްޑީޕީ
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި ވަނީ ނުކުޅެދިފައި، އެކަން ބަދަލުކުރަން ޖެހޭ - އާޒިމް
މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައިގެ 90% އަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ބިދޭސީން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ
ބިދޭސީންގެ މައްސަލަ އަކީ އެ މީހުންނާއި ދިމާލަށް އެއްޗެހި ކިޔައިގެން ހައްލުވާނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި ނުކުޅެދިފައިވާ ކަމަށާއި އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ މޯޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. ޤަވާއިދާއި ޚިލާފަށް ކަންކަން ހިނގާ ބިދޭސީންގެ މައްޗަށް ޤާނޫނު ނުހިނގާ ކަމަށާއި އެކަމުގެ ސަބަބުން އެ މީހުންގެ އަތުން ޓެކްސް އެއް ވެސް ނުނެގޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މޭޔަރކަމުގެ މަޤާމުގައި ހުންނަ އިރު ބިދޭސީން މޮނިޓަރކޮށް ރެގިއުލޭޓްކުރުމުގައި ދިމާވެފައިވާ ދަތިތައް ވަރަށް ކައިރިން ފެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ވެސް މާލެ ސިޓީގެ މޭޔަރގެ ކުރިމަތީގައި 20-50 އަކަށް އަންޑޮކިއުމެންޓެޑް ބިދޭސީން އުޅޭކަމަށް އާޒިމް ވިދާޅުވިއެވެ. އެ މީހުން ގެންދިއުމަށް ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުގައި އެދުނު ނަމަވެސް ރިސޯސަސްގެ ދަތިކަމާއި ހުރެ އެކަން ކުރެވެން ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. ހޯމް މިނިސްޓަރގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާ ކަަމަށާއި އެފަދަ މީހުން ބޮޑެތި ކުށްތަކަށް އަރައިގަންނަ އިރު ކުރެވޭނެ ކަމެއް ނެތިފައި ތިބެގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތްތެރި ގިނަ ދާއިރާތަކުގެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ބިދޭސީންކަމަށް ވާއިރު އެކަން އެހެން ވާންޖެހޭ ސަބަބެއް ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އުފެދުނީ ވެސް ދިވެހިންގެ ތެރެއިން ބައެއްގެ އަމަލުތައް ހުރި ގޮތުން ކަމަށާއި އެކަން ހައްލުކުރުމަށް ވެސް ދިވެހިންނަށް މަސައްކަތް ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ އެ މީހުންނާއި ދިމާލަށް އެއްޗެހި ކިޔައިގެން ހައްލުވާނެ ކަމެއް ނޫން ކަަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައިގެ 90% އަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ބިދޭސީން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް