ދުނިޔޭގެ އެންމެ މަގްބޫލް ލީޑަރުގެ މަގާމް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ އަނެއްކާވެސް ދިފާއު ކުރައްވައިފިއެވެ. އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީ، "މޯނިންގ ކޮންސަލްޓް" ގެ ފަރާތުން ހަދާފައިވާ ސަރވޭ އަކުން ދައްކާގޮތުގައި މޯދީ އެމަގާމަށް ހޮވަން ފެންނަ ކަމަށް 78 އިންސައްތަ މީހުން ތާއީދުކޮށްފައި ވެއެވެ. ސަރވޭގެ "ގްލޯބަލް ލީޑަރ އެޕްރޫވަލް ރޭޓިންގ ޓްރެކަރ" ދައްކާގޮތުން މޯދީގެ ސަރުކާރާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ އެންމެ 17 އިންސައްތަ މީހުންނެވެ. އަދި 5 އިންސައްތަ މީހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެންމެ މަގްބޫލް ލީޑަރ ހޮވުމަށް ހެދި ސަރވޭގައި ދެވަނަ ލިބި ވަޑައިގެންފައިވަނީ މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އަށެވެ. އޭނާގެ އެޕްރޫވަލް ރޭޓިންގ 65 އިންސައްތައިގައި އުޅޭއިރު 3ވަނަ ލިބިވަޑައިގެންނެވި އާޖެންޓީނާގެ ރައީސް ހާވިއާ މިލޭ ގެ އެޕްރޫވަލް ރޭޓިންގ އަކީ 63 އިންސައްތައެވެ.
އެމެރިކާގެ ރައީސް ޖޯބައިޑަން އުޅުއްވަނީ ލިސްޓްގެ ވަރަށް ތިރީގައެވެ. ބައިޑަން އަށް ލިބިވަޑައިގެންފައިވަނީ 11ވަނައެވެ. ރުހޭކަމަށްބުނި ރޭޓިންގ އަކީ 37 އިންސައްތައަށް ވާއިރު ނުރުހޭ ކަމަށް 55 އިންސައްތަ ބުނެފައިވެއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އުޅުއްވަނީ ބައިޑަން އަށް ވުރެވެސް ލިސްޓްގެ ތިރީގައެވެ. އެއީ 17 ވަނަ އެވެ. ޓްރޫޑޯގެ އެޕްރޫވަލް ރޭޓިންގ އަކީ 29 އިންސައްތައެވެ.
އިގިރޭސި ބޮޑުވަޒީރު ރިޝި ސުނަކް ލިސްޓްގެ 20 ވަނައިގައި އުޅުއްވާއިރު ލިބިވަޑައިގެންނެވި އެޕްރޫވަލް ރޭޓިންގ އަކީ އެންމެ 25 އިންސައްތަ އެވެ. ސުނަކް އަށް ނުރުހޭ ކަމަށް 66 އިންސައްތަ ބުނެފައިވެއެވެ.
ސަރވޭ ހެދި އޭޖެންސީގެ ވެބްސައިޓް ބުނާ ގޮތުން މި ވަނަ ތަކަކީ ޖެނުއަރީ 30ން ފެބްރުއަރީ 5ށް ނަގަފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެކެވެ. މޯދީ އަށް މިފަހަރު އެންމެ ގިނަ ޕޮއިންޓް ލިބިވަޑައިގެންފައިވަނީ މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި ބީޖޭޕީ އަށް އެކި ސްޓޭޓް ތަކުން ބޮޑު ކާމިޔާބީ އެއް ލިބިފައިވާތީ އެވެ.
ދުނިޔޭގެ އެންމެ މަގްބޫލް ލީޑަރުގެ މަގާމް، 75-80 އާ ދެމެދުގެ އެޕްރޫވަލް ރޭޓިންގ އާއެކު ޖެހިޖެހިގެން މޯދީ ހޯއްދަވަމުންގެންދަވާތާ މިހާރު އެތައްއަހަރެއް ވެއްޖެއެވެ. މިއަހަރުވެސް މަގާމް ދިފާއު ކުރައްވާފައިވަނީ އެހެން ލީޑަރުންނާ ބޮޑު ތަފާތަކުންނެވެ.