ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު އެއްވަރުވެއްޖެ އެވެ.
އަލްމޭރިއާގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެތުލެޓިކޯ އިންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގި އެވެ. ރެއިނިލްޑޯ މަންޑަވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންހެލް ކޮރެއާ އެެވެ. ފުރަތަމަ ހާފުގައި އަލްމޭރިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޫކާ ރޮމޭރޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މާކް ޕުބިލް އެވެ.
ދެ ވަނަ ހާާފު ފަށައިގެން ކުރީ ކޮޅު ދެ ވަނަ ފަހަރަށް އެތުލެޓިކޯ އިން ލީޑު ނެގި އެވެ. ނަހުއެލް މޮލީނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ރޮޑްރީގޯ ޑި ޕައުލް އެވެ. އޭގެ ފަހުން 64 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް އަލްމޭރިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ރޮމޭރޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޮނަތަން ވިއެރާ އެވެ.
މި ނަތީޖާއާއެކު އެތުލެޓިކޯ އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 26 މެޗުން 52 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ފަސް ވަނައިގައި އެތުލެޓީކް ބިލްބާއޯ އަށް ލިބެނީ 49 ޕޮއިންޓެވެ.