ފާއިތުވި 5 އަހަރު ޗެމްބަރ އޮފް ކޮމާސްގެ އެކްޓިވްކަން ނުފެންނަކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މޯޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ ބައެއް އެސޯސިއޭޝަންތައް މެދުވެރިކޮށް އިގްތިސާދީ ދާއިރާ އާއި ގުޅުން ހުރި މައުލޫމާތުތައް އެމަނިކުފާނުގެ ވަޒީރުކަމުގައި އޮޅުންފިލުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭރުވެސް ޗެމްބަރ އޮފް ކޮމަރސްގެ މަސައްކަތް ރަނގަޅު ނޫންކަމަށް ފާހަގަކުރައްވާ ފައްޔާޒް ވަނީ އެކަމާއި ފާޑު ވިދާޅުވެފައެވެ. އިގްތިސާދީ ދާއިރާގެ ޤާނޫނުތަކަށް ބަދަލުގެނައީ ވަކި ވަކި ވިޔަފާރިވެރިންނާއި ސުވާލުކޮށްގެންނާއި ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް ހުރިހާ އިންޑަސްޓްރީތައް އެއްކޮށްލައިގެން މައުލޫމާތު ހޯދޭނެ ފަދަ ޖަމިއްޔާ އެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ އެއީ ވަރަށް ބޮޑު ހުސްކަމެއް ކަަމަށް ވެސް ވިދާޅުވެފައެވެ. އެހެންކަމުން މަސައްކަތްތެރިންގެ އަޑު އިވޭނެ ގޮތަށް ޖަމިއްޔާގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމު ކަމަށް ފައްޔާޒް އަލިއަޅުވާލެއްވިއެވެ. '
ފައްޔާޒް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ރަނގަޅަށް އިގްތިޞާދު މެނޭޖުކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ވެސް ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖެއަށް ކުރިއަށް އޮތްތަނުގައި އިގްތިސާދާއި ގުޅޭ ގޮތުން ސަރުކާރަށް އަޑު އިއްވާދޭނެ އަދި ސަރުކާރަށް ލަފާދޭނެ ޖަމިއްޔާ އެއް އޮތުން މުހިންމު ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.